ޚަބަރު

ބާލީގައި ބާއްވާ ޖީ20އަކީ ބޮޑު ދެ ބާރުގެ ގަދަހިފުމަކަށް ވެދާނެތަ؟


ދުނިޔޭގެ އެންމެ ބޮޑު 20 އިޤުތިޞާދުގެ ބައްދަލުވުން ކަމުގައިވާ "ގްރޫޕް އޮފް ޓުވެންޓީ" (ޖީ20)އަށް އިންޑޮނީޝިޔާގެ ބާލީއިން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެއެވެ. މި ބައްދަލުވުން ފެނިގެންދާނެ އެންމެ ފާހަގަ ކުރެވޭ ކަމަކީ ދުނިޔޭގެ އެންމެ ބޮޑު ދެ ބާރު ކަމުގައި ވަކާލާތު ކުރާ އެމެރިކާއާއި ޗައިނާގެ ރައީސުންގެ ބައްދަލުވުމެވެ.

އެމެރިކާއާއި ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދެވެ. ޖީ20ގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ބާލީއަށް ވަޑައިގަންނަވާފައެވެ. މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ އެކު އޭނާ ބާއްވަވާ ބައްދަލުވުމަކީ އެމެރިކާގެ ރައީސްކަމާ އޭނާ ހަވާލުވެ ވަޑައިގަތްފަހުން ޝީއާ އެކު އެއްތަނެއްގައި ބާއްވަވާ ފުރަތަމަ ބައްދަލުވުމެވެ.

ބާލީގައި ބާއްވާ ޖީ20ގެ ބައްދަލުވުމަކީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން ޖީ20ގެ ޤައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ބައްދަލުވުމެވެ. ޖީ20ގެ ހަވާސާގައި ޝީއާ އެކު ބާއްވަވާ ބައްދަލުވުމުގައި އެމެރިކާއިން ޗައިނާއަށް ވަރުގަދަ ހުށަހެޅުންތަކެއް ހުށަހަޅާނެ ކަމުގައި ބައިޑަން ވިދާޅުވިއެވެ.

ޝީއާ އެކު ބައްދަލު ކުރެއްވުމަށް ބައިޑަން ތައްޔާރުވެފައި މި ވަނީ، އޭނާގެ ރިޔާސީ ދައުރުގެ މެދުތެރެއިން ބޭއްވި އިންތިޚާބުގައި އޭނާގެ ޕާޓީއަށް ލިބުނު ކާމިޔާބީއާ އެކުގައެވެ. އިންތިޚާބުގައި އޭނާގެ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވާނެ ކަމަށް ކުރިން ލަފާ ކުރެވުނު ނަމަވެސް، އޭނާގެ ޑިމޮކްރެޓިކް ޕާޓީން ވަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މައްޗަށް އިންތިޚާބުގައި ކުރި ހޯދާފައެވެ.

ޝީއާ ބައިޑަންގެ ބައްދަލުވުމަކީ ދެ ބޭފުޅުންނަށް ވެސް ފަސޭހަ ބައްދަލުވުމަކަށް ނުވާނެއެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް މި ވަގުތު އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަދި، ވާދަވެރިކަން ވަނީ އިހުނަށްވުރެ އިތުރުވެފައެވެ. ދެ ޤައުމުގެ ދެމެދުގައި ކޯޅުންގަނޑެއް އުފެދިފައި ނުވާ ދާއިރާއެއް ނެތެވެ. މީގެ ތެރޭގައި ވިޔަފާރިއާއި އިންސާނީ ހައްޤުތަކުގެ އިތުރުން ތައިވާނުގެ މިނިވަންކަމުގެ ބަހުސް ހިމެނެއެވެ.

"ޝީ، އަޅުގަނޑު ދަނޭ. އަދި، އަޅުގަނޑު، ޝީ ދަންނަން. އަޅުގަނޑުމެން ދެ މީހުންގެ ދެމެދުގައި އޮޅުންއަރާ ކަންކަން މަދުވާނެ. އަޅުގަނޑުމެންގެ ބައްދަލުވުމުގެ މައިގަނޑު އަމާޒަކަށް ވާނީ، ދެ ފަރާތުން ވެސް އިޙުތިރާމު ކުރާނެ ރޮނގުތަކެއް ނުވަތަ މިންތަކެއް ކަނޑައެޅުން،" ޝީގެ ބައްދަލުވުމާ ގުޅޭ ގޮތުން ބައިޑަން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ އެއް ކަމަކީ އުތުރު ކޮރެޔާގެ މައްސަލައެވެ. އުތުރު ކޮރެޔާއިން މި އަހަރުގެ ތެރޭގައި ވަނީ ރެކޯޑް އަދަދަކަށް މިސައިލް ޓެސްޓު ހަދާފައެވެ. އެމެރިކާއިން ޤަބޫލު ކުރަނީ އުތުރު ކޮރެޔާއިން ނިއުކްލިޔަރ ޓެސްޓެއް ހެދުމާ ދިމާލަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، މި ބައްދަލުވުމުގައި އުތުރު ކޮރެޔާ މައިތިރި ކުރުމާ ގުޅޭ ގޮތުން ބައިޑަން ޝީއާ މަޝްވަރާ ކުރައްވާނެއެވެ.

ބާލީއަށް ވަޑައިގެންނެވުމުގެ ކުރިން ބައިޑަން ވަނީ ކެމްބޯޑިޔާގައި ބޭއްވި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ބައްދަލުވުމުގެ ހަވާސާގައި ޖަޕާނާއި އުތުރު ކޮރެޔާގެ ލީޑަރުންނާ ބައްދަލު ކުރައްވާފައެވެ. މި މަޝްވަރާތަކުގައި އެންމެ އިސްކަމެއް ދީފައި ވަނީ އުތުރު ކޮރެޔާގެ މައްސަލައަށެވެ. އަދި، ތިން ޤައުމުން ވަނީ އުތުރު ކޮރެޔާއާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައެވެ.

ބަލީގައި ކުރިއަށްދާ ޖީ20ގެ ބައްދަލުވުމުގައި ބައިޑަންއާއި ޝީ ގަދަހިފުމަކަށް ދާނެ ކަމުގައި ބެލެވުނު ނަމަވެސް، މި ބައްދަލުވުން ނުފެންނާނެ މުހިންމު މޫނެއްވެއެވެ. އެއީ، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއެވެ. އެމެރިކާއާއި މި ވަގުތު އެންމެ ބޮޑަށް ޖެހިފައިވާ ޤައުމަކީ ރަޝިޔާއެވެ. ނަމަވެސް، ޕުޓިންގެ ބަދަލުގައި ޖީ20ގެ ބައްދަލުވުމުގައި ރަޝިޔާ ތަމްސީލު ކުރައްވާނީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ސަރްގޭ ލެވްރޮފްއެވެ.