ޚަބަރު

ޓިގްރޭގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޮނުވަނީ


އިތިއޯޕިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ޤައުމުގެ އުތުރުގައިވާ ޓިގްރޭގައި ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން އެއްބަސްވެއްޖެއެވެ. މި ކަމާ މެދު އެއްބަސްވުމަކަށް އާދެވުނީ ކެންޔާގެ ވެރިރަށް ނައިރޯބީގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައެވެ.

ޓިގްރޭގައި ކުރަމުންދާ ދާޚިލީ ހަނގުރާމައަށް ނިމުމެއް ގެންނަން އެ ޤައުމުގެ ސަރުކާރާއި ޓިގްރޭގެ މިނިވަން ކަމަށް ހަނގުރާމަ ކުރަމުންދާ ޓިގްރޭ ޕީޕަލްސް ލިބެރޭޝަން ފްރޮންޓް (ޓީ.ޕީ.އެފް.އެލް)އާ ދެމެދު އެއްބަސްވެފައި ވަނީ މި ނޮވެންބަރު މަހުގެ ކުރީކޮޅެވެ. އެ ކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ދިޔައީ ދެކުނު އެފްރިކާގެ ޕްރިޓޯރިޔާގައެވެ. ހަމަލާތައް ބަދަލުކުރުން ހުއްޓައިލަން ދެ ފަރާތުން އެއްބަސްވެފައި މި ވަނީ ހަނގުރާމަ ފެށިތާ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ.

އިތިއޯޕިޔާގެ ދާޚިލީ ހަނގުރާމައިގައި އެތަކެއް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އަދި، އެތަކެއް މިލިޔަން ރައްޔިތުންނެއް ހާލުގައި ޖެހި، އެ ޤައުމަށް އިންސާނީ މުސީބާތަކާ ކުރިމަތިވެފައެވެ. އިތިއޯޕިޔާގެ ސަރުކާރު ފައުޖުތަކާއި ޓިގްރޭގެ ހަނގުރާމަވެރިން ސުލްޙަކުރުވަން އެއްބަސްވެފައި މި ވަނީ އެފްރިކާގެ އިއްތިހާދު (އޭ.ޔޫ)އިން މެދުވެރިއެއްގެ ދައުރު އަދާ ކޮށްގެންނެވެ.

ޓިގްރޭއާއި އެ ރަށާ އިންވެގެންވާ ސަރަޙައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމަށް ވަގުތުން އަމަލު ކުރަން ފަށާނެ ކަމުގައި، އިތިއޯޕިޔާގެ ސަރުކާރާއި ޓީ.ޕީ.އެފް.އެލް.އާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި އޭ.ޔޫ.ގެ ޚާއްޞަ މަންދޫބު އޮލުސެގުން އޮބަސަންޖޯ ވިދާޅުވިއެވެ.

ދެ ފަރާތުގެ ދެމެދުގައި ޚާއްޞަ ކޮމިޓީއެއް ވެސް އެކުލަވައިލަން ވެސް ވަނީ އެއްބަސްވެފައެވެ. މި ކޮމިޓީގެ މައިގަނޑު މަޤުޞަދަކީ، ހަތިޔާރު ބެހެއްޓުމަށް ކުރާ މަސައްކަތްތައް ވިލަރެސް ކުރުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކަށަވަރު ކުރުމެވެ.

ޓިގްރޭއަކީ ހަ މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސަރަޙައްދެކެވެ. ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ސަރަޙައްދުން ޒަރޫރީ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. އެ ސަރަޙައްދުން ކާބޯތަކެއްޗާއި ބޭސް ވަނީ ހުސްވެފައެވެ. އަދި، ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ.

ޓިގްރޭގައި ހަނގުރާމަ ފަށާފައި ވަނީ 2020ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 4ވަނަ ދުވަހުއެވެ. ހަނގުރާމަ ފެށުނީ ބޮޑުވަޒީރު އަބީ އަޙުމަދުގެ ފައުޖުތަކުން ޓިގްރޭއަށް ހަމަލާދިނުމާ އެކުއެވެ. ޓިގްރޭއަށް ސަރުކާރުގެ ފައުޖުތަކުން އަރާފައި ވަނީ، އަސްކަރީ މަރުކަޒުތަކަކަށް ޓީ.ޕީ.އެފް.އެލް.އިން ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށެވެ.

މަސްރަޙު އިތުރަށް ހޫނުވެފައި ވަނީ އަވަށްޓެރި އެރިޓްރިޔާގެ ފައުޖުތަކުން އިތިއޯޕިޔާގެ ފައުޖުތަކާ ގުޅި ހަނގުރާމައިގައި ބައިވެރިވުމާ ގުޅިގެންނެވެ. މި ހަނގުރާމައިގައި މިހާތަނަށް ބައި މިލިޔަނެއްހާ މީހުން މަރުވެފައިވާ ކަމަށާއި، ދެ މިލިޔަނެއްހާ މީހުން ގެދޮރު ގެއްލި ރެފިޔުޖީންނަށް ވެފައިވާ ކަމުގައި އ.ދ.އިން ބުނެއެވެ.