ޚަބަރު

ހިސާރުކޮށްފައި އޮތް ހެއިޓީގެ ތެޔޮ ބަނދަރު މިނިވަންކޮށްފި


ހެއިޓީގައި ކުށްކުރާ ގުރޫޕުތަކުން ޙިސާރުކޮށްފައި އޮތް ތެޔޮ ބަނދަރު މިނިވަންކޮށް، ޢާންމުންނަށް ތެޔޮ ވިއްކަން ފަށައިފިއެވެ. ހެއިޓީއަށް ތެޔޮ އެތެރެކުރާ މައި ބަނދަރު ކަމުގައިވާ ވެރޯ ޓަރމިނަލް ކުށްކުރާ ގުރޫޕުތަކުން ޙިސާރު ކޮށްފައި ވަނީ މީގެ ދެ މަސްދުވަސް ކުރިންނެވެ. އަދި، ބަނދަރުން ތެޔޮ ބޭރު ކުރުން ހުއްޓުވާފައެވެ.

ކުށްކުރާ ގުރޫޕުތަކުގެ އަމަލުތަކާ ގުޅިގެން ހެއިޓީގެ ސަލާމަތީ ހާލަތު ވަނީ ގޯސްވެފައެވެ. އެ ޤައުމުގެ ރައްޔިތުން ދިރިއުޅެމުންދަނީ ނުރައްކާތެރި އަދި ބިރުވެރި ހާލަތެއްގައެވެ. ކާބޯތަކެއްޗާއި އެހެނިގެން ޒަރޫރާ ތަކެތި އެއް ތަނުން އަނެއް ތަނަށް އުފުލުމަށް ހުރަސް އެޅި ޤައުމު އޮތީ ހުއްޓުމަކަށް އައިސްފައެވެ. އިޤުތިޞާދީ އަދި ސިނާއީ މަސައްކަތްތައް މަޑުޖެހިފައެވެ.

ކުށްކުރާ ގޭންތަކުގެ ކޮންޓްރޯލްގެ ދަށުން ތެޔޮ ބަނދަރު މިނިވަން ކޮށްފައި ވަނީ ހެއިޓީގެ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އަދި، މިހާރު އެ ތަނުން ތެޔޮ ބޭރު ކުރަން ފަށާފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. މިހާރު ވެސް 45 ބައުޒަރު ތެޔޮ ބަރުކޮށްގެން ހެއިޓީގެ އެކި ހިސާބުތަކަށް ދަތުރު ކުރަމުންދާ ކަމުގައި އެ ޤައުމުގެ އޮފިޝަލުން ބުނެއެވެ.

އެންމެ ފުރަތަމަ ތެޔޮ ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ ހުއްޓިފައި އޮތް ހޮސްޕިޓަލުތަކާއި، އެހެނިހެން ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދޭން ތަންތަނަށެވެ. ހެއިޓީއަށް އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ ކަމުގައި އ.ދ.އިން ދާދި ފަހުން ވަނީ ބުނެފައެވެ. އަދި، އެ ޤައުމަށް އ.ދ.ގެ ސުލްޙަ ބަލަހައްޓާ ފައުޖެއް ފޮނުވުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވެއެވެ.

ފެނުގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮލެރާ ހެއިޓީގައި ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. އެ ޤައުމުގައި ކޮލެރާ ޖެހިފައިވާ މީހުންގެ އަދަދު 66 އަރާ ކަމަށާއި، ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ އިތުރު 564 މީހުން ތިބި ކަމުގައި އ.ދ.އިން ބުނެއެވެ. 188 މީހަކަށް މިހާރު ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލީގައި މިހާތަނަށް 22 މީހުން ވަނީ މަރުވެފައެވެ.