ޚަބަރު

ޑިމޮކުރަސީގެ ހަމަތައް އިސްކުރުމަށް އ.ދ.އިން މިޔަންމާއަށް ގޮވާލައިފި


މިޔަންމާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ކެކުޅުންތަކަށް ނިމުމެއް ގެނެވޭނީ ޑިމޮކުރަސީގެ ހަމަތައް އިސްކޮށް، ޑިމޮކުރަސީގެ އުސޫލުތަކަށް އަމަލުކުރަން ފެށުމުން ކަމުގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. މިޔަންމާގެ އަސްކަރިއްޔާއިން އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާފައި ވަނީ 2021ވަނަ އަހަރުގެ ފެބުރުވަރީ މަހުއެވެ.

އޮންގް ސަން ސޫ ޗީގެ ސަރުކާރު ވައްޓައިލި ފަހުން އެ ޤައުމުގެ ހަމަޖެހުމާއި ސުލްޙަމަސަލަސް ކަން ވަނީ ގެއްލިފައެވެ. އަދި، އަސްކަރީ ވެރިކަމާ ދެކޮޅަށް އެތަކެއް ހާސް ބަޔަކު ތެދުވެ ކުރި މުޒާހަރާތައް ހުއްޓުވަން އަސްކަރިއްޔާއިން ބާރުގެ ބޭނުން ކޮށް، އެތަކެއް ހާސް ބަޔަކު ވަނީ މަރައިލާފައެވެ.

ކެމްބޯޑިޔާގައި މިހާރު ފަށައިގެން ކުރިއަށްދާ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ މައި ގުޅުން (އާސިޔާން)ގެ ބައްދަލުވުމުގައި މަޝްވަރާ ކުރަމުންދާ މައިގަނޑު އެއް މައްސަލައަކީ މިޔަންމާގެ މައްސަލައެވެ. ނަމަވެސް، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު މި މައްސަލަ ހައްލު ކުރުމަށް އާސިޔާންގެ ޤައުމުތަކުން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.

"މިޔަންމާގެ ރައްޔިތުން ދިރިއުޅެމުންދަނީ ބިރުވެރިކަމެއްގެ ތެރޭގައި. އެ ޤައުމުގެ އަސްކަރިއްޔާގެ އަމަލުތަކުގެ ސަބަބުން އެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް ދަނީ ހުރަސް އެޅެމުން. މިޔަންމާ ރައްޔިތުންގެ އަޑު އަހައި، ސިޔާސީ ކުށްވެރިން މިނިވަންކޮށް، ޑިމޮކުރަސީގެ ނިޒާމު އަލުން ޤާއިމު ކުރުމަށް މިޔަންމާގެ އަސްކަރިއްޔާއަށް ގޮވައިލަން،" އާސިޔާން ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވިއެވެ.

މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅު ފަރާތްތަކަށް އަމާޒުކޮށް އަސްކަރިއްޔާއިން އަދިވެސް ދަނީ ހަމަލާ ދެމުންނެވެ. އަދި، މި ހަމަލާތަކުގެ ޝިކާރައަކަށްވެފައި ވަނީ އެ ޤައުމުގެ ޢާންމު ރައްޔިތުންނެވެ. މި ކަމާ ގުޅޭ ގޮތުން ގުތެރޭޝް ވިދާޅުވީ، މިޔަންމާގައި ސުލްޙަ ޤާއިމު ކުރަން އެ ޤައުމުގެ އަސްކަރިއްޔާއިން ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފަށަން ޖެހޭ ކަމުގައެވެ.

2021ވަނަ އަހަރުގެ އޭޕްރިލް މަހު ހެދި އެއްބަސްވުމަށް އެ ޤައުމުގެ އަސްކަރީ ސަރުކާރުން އަދިވެސް އަމަލުކުރަން ފަށާފައެއް ނުވެއެވެ. މި ކަމާ ގުޅިގެން އާސިޔާންގެ ޤައުމުތަކުގެ ލީޑަރުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި، މި ކަން ހައްލު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ.

އާސިޔާންގެ ފަރާތުން މިޔަންމާއަށް ޚާއްޞަ ސަފީރެއް ކަނޑައަޅައި، އެ ޤައުމުގެ އަސްކަރިއްޔާއާ ދެކޮޅު ފަރާތްތަކާ ބައްދަލު ކުރުމަށް ވެސް އާސިޔާންގެ ލީޑަރުން ވަނީ ނިންމާފައެވެ. މިއީ، މިޔަންމާގެ އަސްކަރިއްޔާއިން ހިތްހަމަ ނުޖެހޭނެ ނިންމުމެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަސްކަރީ ސަރުކާރާ ދެކޮޅު ފަރާތްތަކަކީ ޓެރެރިސްޓުންގެ ގޮތުގައި އެ ޤައުމުގެ އަސްކަރިއްޔާއިން ދެކެއެވެ.