ޚަބަރު

ޚާރްސަންއިން ރަޝިޔާ ސިފައިން ފޭބުމުން އެ ސަރަޙައްދުގައި އުފާ ފާޅުކުރަނީ


ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިނުގެ ދެކުނުގައި އޮންނަ ޚާރްސަންއިން ރަޝިޔާ ސިފައިން ފޭބުމާ ގުޅިގެން އެ ސަރަޙައްދުގެ ރައްޔިތުން އުފާ ފާޅުކުރަން ފަށައިފިއެވެ. މި ކަމާ ގުޅިގެން ވެރިރަށް ކީވްގެ ރައްޔިތުން ވެސް ދަނީ މަގުތަކަށް ނިކުމެ އުފާ ފާޅު ކުރަމުންނެވެ. މީގެ ތެރޭގައި ހަނގުރާމައާ ގުޅިގެން ކީވްއަށް ހިޖުރަކުރި ޚާރްސަންގެ ރައްޔިތުން ހިމެނެއެވެ. މިއީ، ރަޝިޔާ ސިފައިންގެ މައްޗަށް ޔޫކްރެއިނުން ހޯދާފައިވާ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ޤައުމުގެ ރައްޔިތުން ދެކެއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. ހަނގުރާމައަށް ނުވަ މަސް ފުރެން ގާތްވެފައި ވާއިރު، ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރަން ޔޫކްރެއިނުގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ އަދި، މި ކަމުގައި ކާމިޔާބީތަކެއް ވެސް ހޯދަމުންނެވެ.

ރަޝިޔާއިން އަތްގަދަ ކޮށްފައިވާ މައި ސަރަޙައްދުތަކުގެ ތެރޭގައި ޔޫކްރެއިނުގެ ދެކުނުގައިވާ ޚާރްސަންގެ އިތުރުން ޒަޕޮރީޜިޔާއާއި އުތުރުގައިވާ ޑޮނެޓްސްކް އަދި ލުހާންސްކް ހިމެނެއެވެ. އެ ސަރަޙައްދުތަކަކީ ރަޝިޔާގެ ބައެއްގެ ގޮތުގައި ބަލާ ކަމަށް ވެސް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ.

ރަޝިޔާ ސިފައިންގެ އަތްދަށުން ޚާރްސަން މިނިވަން ކުރެވިފައިވާ ކަން ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ އިޢުލާނު ކުރެއްވީ ނޮވެންބަރު 11 ވަނަ ދުވަހުއެވެ. މި ކާމިޔާބީއާ އެކު، ޔޫކްރެއިނަށް ވަނީ ބޮޑު ސަރަޙައްދެއް މިނިވަން ކުރެވިފައެވެ. އަދި، ހުޅަނގުގައިވާ ބްލެކް ސީއާއި އިރުމަތީގައިވާ އަޒޮވް ކަނޑުގެ ސަރަޙައްދަށް ބާރުތައް ފަތުރަން ފުރުޞަތު ލިބިފައެވެ.

ހަނގުރާމައިގެ މައިދާނުގައި ޔޫކްރެއިނުގެ ސިފައިން ހޯދަމުންދާ ކާމިޔާބީތަކާ އެކު، ހުޅަނގުގެ ބާރުތަކުން އެ ޤައުމަށް ފޯރުކޮށްދޭ އަސްކަރީ އަދި މާލީ އެހީތެރިކަން ވެސް ދަނީ އިތުރު ކުރަމުންނެވެ. މި ގޮތުން ވިލާތުގެ ކޮމިޝަނުން ވަނީ އަންނަ އަހަރު ޔޫކްރެއިނަށް 18 ބިލިޔަން ޑޮލަރު ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައިވާ ކަން އިޢުލާނު ކޮށްފައެވެ.