ޚަބަރު

އެމެރިކާއާއި ޗައިނާގެ މައްސަލައިގެ ސަބަބުން އާސިޔާންގެ ސަމިޓަށް ހިޔަނިއެޅިފައި


ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ގުޅުން (އާސިޔާން)ގެ ބައްދަލުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކެމްބޯޑިޔާއިން މިހާރު ދަނީ ކުރަމުންނެވެ. މި ބައްދަލުވުމުގައި ބައިވެރިވާ ބޭރު ޤައުމުތަކުގެ އިސްވެރިން މިހާރު ގެންދަވަނީ ކެމްބޯޑިޔާއަށް ވަޑައިގަންނަވަމުންނެވެ.

މި ބައްދަލުވުމުގެ މައިގަނޑު މައުޟޫޢަކަށް ވާނީ އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައި އޮތް މައްސަލައާއި، އުތުރު ކޮރެޔާގެ އަމަލުތަކުގެ ސަބަބުން އޭޝިޔާ ސަރަޙައްދަށް ކުރިމަތިވެފައިވާ ނުތަނަވަސް ކަމެވެ. އާސިޔާންގެ ސަމިޓުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އެމެރިކާއިން ޤަބޫލު ކުރާ ގޮތުގައި ބައިނަލްއަޤްވާމީ މައިދާނުގައި އެ ޤައުމަށް އޮތް ހަމައެކަނި ވާދަވެރިއަކީ ޗައިނާއެވެ. އަދި، ޗައިނާއިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރު ފަތުރަން މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާއިން ތުހުމަތު ކުރެއެވެ.

އާސިޔާންގެ ބައްދަލުވުމުގައި ބައިޑަންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ އޭޝިޔާގެ ޤައުމުތަކުގެ ތާޢީދު ހޯދައި، ގުޅުންތައް އިތުރަށް ބަދަހި ކުރުމެވެ. ނަމަވެސް، ޗައިނާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ކޯޅުންގަނޑުގައި ވަކި ފަރާތަކަށް ބުރަވާން އޭޝިޔާގެ ގިނަ ޤައުމުތަކުން ބޭނުމެއް ނުވެއެވެ.

ވައިޓް ހައުސްއިން ބުނީ އޭޝިޔާ ބައްރުގެ ޤައުމުތަކުގެ މެދުގައި ސުލްޙަމަސަލަސް ކަން ދެމެހެއްޓުމަށް ބައިޑަން ބާރު އަޅުއްވާނެ ކަމުގައެވެ. ނަމަވެސް، ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ހޫނުވީ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ ތައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ކަން ފާހަގަކުރެވެއެވެ.

އާސިޔާންގެ ބައްދަލުވުމުގައި ޗައިނާ ތަމްސީލު ކުރައްވަނީ އެ ޤައުމުގެ ބޮޑުވަޒީރު ލީ ކިއޭންގްއެވެ. މޭ މަހު އާސިޔާންގެ ލީޑަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ބައިޑަން ވަނީ އެ ޤައުމުތަކުގެ ތަރައްޤީއަށް އެހީތެރިވުމަށް 150 މިލިޔަން ޑޮލަރު ދިނުމަށް ވަޢުދުވެ ވަޑައިގަންނަވާފައެވެ. ނަމަވެސް، ޗައިނާއިން ވަނީ އެ ޤައުމުތަކަށް އެހީތެރިވުމަށް ޗައިނާއިން 1.5 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރާނެ ކަމަށް ބުނެފައެވެ.