ޚަބަރު

ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ދެ ޒުވާނަކު ޝަހީދުކޮށްލައިފި


ޔަހޫދީންގެ އިސްތިއުމާރީ ބާރުން ފަލަސްޠީނުގެ ބިންތަކަށް އަރައި ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގައި ފަލަސްޠީނުގެ އިތުރު ދެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ. ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނީ، ޔަހޫދީންގެ ސިފައިން ޝަހީދު ކޮށްލާފައިވާ އެއް ކުއްޖަކީ 15 އަހަރުގެ މަޙުދީ މުޙައްމަދު ހަޝަޝް ކަމުގައެވެ.

އޭނާ ޝަހީދުވީ ޔަހޫދީންގެ ސިފައިން ނާބުލުސްއަށް އަރައި ހިނގި އުދުވާންތަކެއްގައި ދިން ބޮމުގެ ހަމަލާއެއްގައި ލިބުނު ޒަޚަމުތަކުގައެވެ. ޔަހޫދީ ސިފައިން ބުނީ އެ މީހުން ހަމަލާ ދީފައި ވަނީ އެ ސަރަޙައްދުގައި ބޮމެއް ހަރު ކުރަން އުޅުނު ބަޔަކާ ދިމާލަށް ކަމުގައެވެ. އެ ހަމަލާތަކުގައި ފަލަސްޠީނުގެ އިތުރު ތިން މީހަކު ޒަޚަމުވިއެވެ.

ޔަހޫދީންގެ ސިފައިން ދިން ހަމަލާތަކެއްގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ދެވަނަ މީހަކީ 29 އަހަރުގެ ރަފާތު ޢީސާއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގެ ޖަނީންގައި ދިން ބަޑީގެ ހަމަލާތަކެއްގައެވެ. ޔަހޫދީ ސިފައިން އޭނާއަށް ހަމަލާދީފައި ވަނީ، ޖަނީން ބަންދު ކުރުމަށް ޖަހާފައިވާ ފާރެއް ހުރަސް ކުރަން އުޅުމުން ކަމުގައި ބެލެވެއެވެ.

ޔަހޫދީ އިސްރާޢީލުގެ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހިންގަމުންދާ އުދުވާންތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި މި އަހަރުގެ މިހާތަނަށް ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ 100އަށް ވުރެ މައްޗަށް އަރާފައެވެ.