ޚަބަރު

ނޭޓޯ ދެމިއޮތުމުގެ އެންމެ މުހިންމު ބައިވެރިއަކީ އިނގިރޭސީން: ސުނަކް


ނޭޓޯ ދެމިއޮތުމުގެ އެންމެ މުހިންމު ބައިވެރިއަކީ އިނގިރޭސި ވިލާތް ކަމަށާއި، އިނގިރޭސީން އެ ގޮތުގައި ދެމިއޮންނާނެ ކަމުގައި އެ ޤައުމުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޮލްޓެންބަރގްއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މިއީ، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތް ފަހުން ބައިނަލްއަޤުވާމީ ދުނިޔޭގެ އިސް ލީޑަރަކާ އޭނާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. މި ވަގުތު ނޭޓޯއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމަ ކަމުގައި ސުނަކް ވިދާޅުވިއެވެ.

މި ހަނގުރާމައަކީ ނޭޓޯގެ ކުރިމަގާއި ދެމިއޮތުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަ ކުރައްވައި ސުނަކް ވިދާޅުވީ ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނގިރޭސި ވިލާތުން ދެމި އޮންނާނެ ކަމުގައެވެ. އެއީ، އިނގިރޭސި ވިލާތުގެ ސަލާމަތާއި ރައްކާތެރި ކަމަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސްޓޮލްޓެންބަރގް ވަނީ ރަޝިޔާގެ ފައުޖުތަކުގެ މައްޗަށް ޔޫކްރެއިނު ސިފައިން ހޯދަމުންދާ ކުރިއެރުންތަކަށް މަރުޙަބާ ވިދާޅުވެފައެވެ. އޭނާ އިޝާރާތް ކުރައްވާފައި ވަނީ، ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިނުގެ ދެކުނުގެ ސަރަޙައްދެއް ކަމުގައިވާ ޚާރްސަންއިން ރަޝިޔާ ސިފައިން ބޭލުމަށް އެ ޤައުމުން ނިންމި ނިންމުމަށެވެ.

ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ރަޝިޔާއަށް ބޮޑެތި ނާކާޔާބީތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައެވެ. އަދި، އެމެރިކާއާއި އިނގިރޭސި ވިލާތުގެ އިތުރުން ހުޅަނގުގެ ބާރުތަކުގެ އެހީތެރިކަމާ ނުލައި ޔޫކްރެއިނަށް އެ ކަން ކާމިޔާބު ނުކުރެވުނީސް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ރަޝިޔާއަކީ އަސްކަރީ ގޮތުން ބާރު ގަދަ ޤައުމެއް ކަން އޭނާ ފާހަގަ ކުރައްވައެވެ. އަދި، ރަޝިޔާއިން ހަނގުރާމައިގައި ނުރައްކާތެރި ޑްރޯންތަކާއި މިސައިލްތައް ބޭނުން ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހުޅަނގުގެ ޤައުމުތަކުން ދެމި އޮންނާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅުގައި ސްޓޮލްޓެންބަރގް ވަނީ އެ ޤައުމުގެ ދިފާޢީ ވަޒީރު ބެން ވޮލެސްއާ ވެސް ބައްދަލު ކުރައްވާފައެވެ. އަދި، ޔޫކްރެއިނުގެ ސިފައިންނަށް އަސްކަރީ ތަމްރީނު ދޭ މަރުކަޒަކަށް ވެސް އޭނާ ޒިޔާރަތް ކުރެއްވިއެވެ.