ޚަބަރު

ވިވެކް އަގްނިއޯތްރީގެ ކުރިއަށް އޮތް ފިލްމަކީ "ދަ ވެކްސިން ވޯ"


މިއަހަރު އެޅުވި ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ކަޝްމީރު ފައިލްސް" އަށްފަހު ވިވެކް އަގްނިއޯތްރީގެ އައު ފިލްމެއް އަނެއްކާވެސް އިއުލާނުކޮށްފިއެވެ. މި ފަހަރުގެ ފިލްމަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް އުފައްދާ "ދަ ވެކްސިން ވޯ" އެވެ.

މީގެ ވާހަކަ ވިވެކް މީގެކުރިންވެސް ވަނީ ދައްކާފައެވެ. ނަމަވެސް އޭރު ފިލްމުގެ ނަމެއް އިޢުލާނެއް ނުކުރެއެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރާއި، އެކީ ނަން އިޢުލާނުކޮށްފައިވަނީ ވިވެކްގެ އިންސްޓަގްރާމަގައެވެ. ޕޯސްޓަރުގައި ފެންނަން އިންނަނީ ފުޅިއެއްގެ ލޭބަލްގައި ނަން އިންދައެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮގަސްޓް 15 އާ ދިމާކޮށް އަންނަ އަހަރުގެ އެ ތާރީހުގައި ގެނެސްދޭން ތާވަލުކޮށްފައިވާ މި ފިލްމުގެ ޓެގް ލައިނަކީ "އަ ވޯ ޔޫ ޑިޑިންޓް ނޯ ޔޫ ފޯޓް. އެންޑް ވޮން" އެވެ. ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު އިތުރު ތަފުސީލެއް އަދިއެއް ނެތެވެ. ޕޯސްޓަރުގައިވާ ގޮތުން "ދަ ވެކްސިން ވޯ" 11 ބަހަކުން ސިނަމާތަކަށް ގެންނާނެއެވެ.

އަންނަ އަހަރުގެ އޮގަސްޓް 15 އަކީ ރަންބީރު ކަޕޫރުގެ "އެނިމަލް" ވެސް އަޅުވަން ނިންމާފައިވާ ތާރީޚެވެ.

"އެނިމަލް" އަކީ ޝާހިދު ކަޕޫރު ލީޑް ރޯލުން ފެނުނު ހިޓް ފިލްމު "ކަބީރު ސިންގް" ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ގެނެސްދޭ ފިލްމެކެވެ. އަދި މިއީ ރަންބީރާއި ސަންދީޕް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ފިލްމުގެ ލީޑް އަންހެންތަރިއަކީ ދެކުނު ސިނަމާގެ މަޝްހޫރު ތަރި ރަޝްމިކާ މަންދަނާއެވެ. މިއީ ރަންބީރާއި ރަޝްމިކާވެސް އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ.