ޚަބަރު

އިންޑިޔާއާއި ރަޝިޔާ ގުޅިގެން ހަތިޔާރު އުފައްދަނީ


އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރް ރަޝިޔާއަށް ވަޑައިގަންނަވައި، ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތަކެއް އެކުލަވައިލައްވައިފިއެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލެވްރޮފްއާ ބައްދަލު ކުރައްވާފައެވެ. މިއީ މި އަހަރުގެ ތެރޭގައި ދެ ބޭފުޅުން ބޭއްވެވި ފަސްވަނަ ބައްދަލު ކުރެއްވުމެވެ.

ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް އެކުލަވައިލާފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރުމާއި، ސެޓެލައިޓް ނެވިގޭޝަންގެ އިތުރުން ޖައްވީ ދިރާސާ ކުރުމުގައި ގުޅިގެން މަސައްކަތް ކުރުން ހިމެނެއެވެ. އަސްކަރީ ދާއިރާއިން ދެ ޤައުމުން ވަނީ ގުޅިގެން ހަތިޔާރު އުފައްދަން އެއްބަސްވެފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޖައިޝަންކަރް ވަނީ ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ވެސް ލެވްރޮފްއާ ސުވާލު ކުރައްވާފައެވެ. މި ކަމާ ގުޅޭ ގޮތުން އިންޑިޔާއިން ގެންގުޅެނީ މެދުމިނުގެ ސިޔާސަތެކެވެ. އަދި، ވަކި ފަރާތަކަށް ބުރަވެފައެއް ނުވެއެވެ. އަދި، ހަނގުރާމަ ފެށި ފަހުން ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަނީ ހަރުދަނާ ކޮށްފައެވެ.

ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ކުރާ މައިގަނޑު އެއް ދާއިރާއަކީ ހަކަތައިގެ ދާއިރާއެވެ. ރަޝިޔާގެ ތެލާއި ގޭސް ގަތުމާ މެދު ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ޤައުމުތަކުން ދެވަނަ ވިސްނުމަކަށް ދިއުމާ މެދު މަޝްވަރާ ކުރަމުންދާ މި ދަނޑިވަޅުގައި ޖައިޝަންކަރް ވިދާޅުވީ ރަޝިޔާއިން ތެޔޮ ގަތުން އިންޑިޔާއިން ހުއްޓައި ނުލާނެ ކަމުގައެވެ.

ޖައިޝަންކަރް ރަޝިޔާއަށް ކުރައްވާ މި ދަތުރުފުޅަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން އޭނާ އެ ޤައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އޭނާ ރަޝިޔާއަށް ވަޑައިގަންނަވާފައި މި ވަނީ، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ޗައިނާއަށް ފަހު ރަޝިޔާގެ ތެޔޮ ދެވަނައަށް އެންމެ ގިނައިން މިހާރު ގަންނަ ޤައުމަކީ އިންޑިޔާއެވެ. ވިލާތުގެ ބައެއް ޤައުމުތަކުން ރަޝިޔާއިން ތެޔޮ ގަތުން މަދުކުރުމުން، ރަޝިޔާއިން ދަނީ ދަށް އަގުތަކެއްގައި އެހެން މާކެޓްތަކުގައި ތެޔޮ ވިއްކަން މަސައްކަތް ކުރަމުންނެވެ. އިންޑިޔާއިން ގަންނަ ތެލުގެ 23 އިންސައްތަ މިހާރު ހިއްސާ ކުރަނީ ރަޝިޔާގެ ކުންފުނިތަކެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެ އަދަދު އޮތީ 2 އިންސައްތައިގައެވެ.

ރަޝިޔާއިން ތެޔޮ ގަތުން ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ޖައިޝަންކަރް ވިދާޅުވީ، އިންޑިޔާއަކީ ތިންވަނައަށް އެންމެ ގިނައިން ތެޔޮ އަންދާ ޤައުމުކަމަށާއި، ޤައުމުގެ އާމްދަނީގެ ހާލަތަށް ބަލާއިރު، ރަޝިޔާއިން ތެޔޮ ގަތުން ހުއްޓައިލުމަކީ އިންޑިޔާގެ މަސްލަޙަތަށް އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާނެ ކަމުގައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި އިންޑިޔާއިން މެދު މިނުގެ ސިޔާސަތެއް ތަންފީޒު ކުރަމުން ދާއިރު، އެ ޤައުމު ހަނގުރާމަ ކުށްވެރިކޮށްފައެއް ވެސް ނުވެއެވެ. ނަމަވެސް، މަޝްވަރާ ކޮށްގެން މައްސަލައަށް ސުލްޙަވެރި ހައްލެ ހޯދުމަށް އިންޑިޔާއިން ވަނީ ރަޝިޔާއާއި ޔޫކްރެއިނަށް ގޮވައިލާފައެވެ.

އިންޑިޔާއަށް އެންމެ ގިނަ އަދަދަކަށް އަސްކަރީ ސާމާނާއި ހަތިޔާރު ފޯރުކޮށްދެނީ ވެސް ރަޝިޔާއިންނެވެ. އަދި، އިންޑިޔާގައި އުފައްދާ ބޭހާއި ޞިއްޙީ ދާއިރާގެ ސާމާނު ވިއްކާ ޤައުމުތަކުގެ ލިސްޓުގެ ހަތަރު ވަނައިގައި އޮތީ ރަޝިޔާއެވެ.