ޚަބަރު

ކަނޑުމަތިން ސަލާމަތްކުރި ބަޔަކު އިޓަލީވިލާތަށް ގެންގޮސްފި


ޤަވާޢިދާ ޚިލާފަށް ހިޖުރަކުރަން އުޅުމުގެ ތެރޭގައި ކަނޑުވި ގިނަ އަދަދެއްގެ ބަޔަކު ސަލާމަތްކޮށް އިޓަލީ ވިލާތަށް ގެންގޮސްފިއެވެ. ކަނޑުވެފައިވާ 95 މީހުން ސަލާމަތް ކޮށްފައި ވަނީ ހައިރާތަށް މަސައްކަތް ކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ "މިޝަން ފޯ ލައިފް"ގެ އުޅަނދެއް ކަމުގައިވާ "ރައިޒް އަބަވް"އިންނެވެ.

ކަނޑުމަތިން ސަލާމަތް ކޮށްފައިވާ މީހުން އިޓަލީ ވިލާތަށް ބޭލުމުގެ ހުއްދަ ދިނުމަށް އެ ޤައުމުން ކުރިން ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް، ނިންމުން ބަދަލު ކޮށްފައި ވަނީ މި ކަމާ ގުޅިގެން އެ ޤައުމަށް ކުރިމަތިވި ފިއްތުންތަކާ ގުޅިގެންނެވެ. މި މައްސަލައިގައި އިންސާނީ ހައްޤުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ މަދަނީ ޖަމާޢަތްތަކުގެ ފާޑު ކިޔުންތައް އިޓަލީގެ ސަރުކާރަށް އަމާޒުވިއެވެ.

އިޓަލީ ވިލާތަށް އެތެރެވުމުގެ ހުއްދަ ދީފައިވާ 95 މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ދެރަވުމުގެ ސަބަބުން މިހާރު ގެންދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ މީހުން ފެނިގެން ސަލާމަތް ކޮށްފައި ވަނީ ކަނޑުމަތީގައި އެތަކެއް ދުވަހެއް ހޭދަ ކުރި ފަހުން ކަމުގައި މިޝަން ލައިފްއިން ބުނެއެވެ. ކަނޑުމަތީގައި ގިނަ ދުވަސްތަކެއް ހޭދަ ކުރަން ޖެހުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އެ ކަމުގެ އަސަރު ކޮށްފައެވެ.

އިޓަލީ ވިލާތުގެ އައު ބޮޑުވަޒީރު ޖޯޖިޔާ މެލޯނީ ވަނީ، ޤަވާޢިދާ ޚިލާފަށް އެ ޤައުމަށް ހިޖުރަ ކުރާ މީހުން ހުއްޓުވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް، ހުސްވި ހަފުތާގެ ތެރޭގައި 500 އަށްވުރެ ގިނަ މީހުން އެ ޤައުމަށް އެތެރެވުމުގެ ފުރުޞަތު ދީފައިވެއެވެ. މީގެ ތެރޭގައި ގިނައީ ކަނޑުވެ، ހާލުގައި ޖެހުމުން، ސަލާމަތް ކޮށްފައިވާ މީހުންނެވެ.

އިތުރު 250 މީހަކު އެ ޤައުމަށް އެތެރެވުމުގެ ފުރުޞަތު ނުދީ ވަނީ ފޮނުވައިލާފައެވެ. އަދި، މަދަނީ ޖަމުޢިއްޔާއަކަށް ނިސްބަތްވާ "އޯޝަން ވައިކިންގް" ނަމަކަށް ކިޔާ އުޅަނދެއްގައި މިހާރުވެސް 234 މީހުން އެބަތިއްބެވެ. އެ މީހުން އިޓަލީ ވިލާތަށް ބޭލުމުގެ ފުރުޞަތު ދިނުމަށް ވެސް އެ ޤައުމުން ދަނީ ދެކޮޅު ހަދަމުންނެވެ.

މި އަހަރުގެ މިހާތަނަށް އިޓަލީ ވިލާތަށް ހިޖުރަ ކޮށްފައިވާ މީހުންގެ އަދަދު 87,000 އަށް އަރައެވެ. މީގެ ތެރެއިން 14 އިންސައްތަ މީހުންނަކީ މަދަނީ ޖަމުޢިއްޔާތަކުން ކަނޑުމަތިން ސަލާމަތް ކޮށްފައިވާ މީހުންނެވެ. މީގެ ތެރޭގައި ގިނައީ އުތުރު އެފްރިކާގެ ޤައުމުތަކުން ވިލާތުގެ ޤައުމުތަކަށް ހިޖުކުރަން މަސައްކަތް ކުރި މީހުންނެވެ.