ކުޅިވަރު

10 ގަޑިއިރުގެ ދިގު ދަތުރުގެ ވަރުބަލިކަން މާވަށުން ފިލުވާލަދީފި


ހުވަދު ކަނޑުގައި ގައްބެ ކުރި 10 ގަޑިއިރުގެ ދިގު ދަތުރުގެ ވަރުބަލިކަން މާވަށުގެ ރައްޔިތުން ނިކުމެ ފިލުވާލަދީފިއެވެ. ރިޔަލު ކަނދެއްގައި ރާއްޖެ ވަށާ ބުރުޖެހުމަށް އަބުދުލްޣަފޫރު އަލީ، ގައްބެ ކުރާ ދަތުރުގައި ރާއްޖޭގެ އެންމެ ބޮޑު އެއްކަނޑުގައި ކުރި ދިގު ދަތުރުގައި ވެފައިވާ ވަރުބަލިކަން ފިލައި ދިޔައީ ލ.މާވަށަށް ދިޔައިރު އޭނާއަށް މަރުހަބާ ކިއުމަށް ނިކުމެ ތިބި ގިނަ އަދަދެއްގެ މީހުންކަމަށް ގައްބެއާއެކު ދަތުރުކުރަމުންދާ ޓީމުން މައުލޫމާތުދެއެވެ. މީގެ ކުޑައިރުކޮޅެއްކުރިން މާވަށަށް ގޮސް، މާވަށުގެ ތިން ސަތޭކައެއްހާ ރައްޔިތުންގެ ތެރޭގައި ހުރި ގައްބެގެ ދަތުރާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މާވަށުންވެސް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާކަމަށެވެ. މާވަށުގެ ފަޅަށް ވަނުމުގެ ކުރިން އޮޑިދޯނިފަހަރުގައި ނިކުމެ މާވަށުގެ ރައްޔިތުން ވަނީ ގައްބެއަށް މަރުހަބާކިޔާފައެވެ. މިރޭ މާވަށުގައި މަޑުކުރާއިރު، މާވަށުގެ ބައެއް ތަންތަންވެސް ގައްބެ ޒިޔާރަތްކުރާނެކަމަށް މައުލޫމާތުލިބެއެވެ.ގައްބެ މާވަށަށް ދިޔައީ ރޭ ގއ.ކޮލަމާފުށީގައި މަޑުކުރުމަށްފަހު، މިއަދު ހެނދުނު ހަތެއް ޖަހާއިރު އެރަށުން ފުރައިގެންނެވެ. މިއީ މިދަތުރުގައި ގައްބެ ހުވަދު ކަނޑު ހުރަސްކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރުވެސް އޭނާ ހުވަދު ކަނޑު ހުރަސްކުރީ 10 ގަޑިއިރުންނެވެ.މިއީ ވިޒިޓް މޯލްޑިވްސް 2016 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ހިންގާ ހަރަކާތުގައި ހިމެނޭ އިވެންޓެކެވެ. އެޓޯލް ސެއިލަރއިން އިންތިޒާމްކުރާ މިދަތުރު ކުރިއަށްގެންދަނީ ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެންނެވެ.