ޚަބަރު

އުތުރު ކޮރެޔާގެ ނުރައްކަލާ ގުޅިގެން ޖަޕާނުގެ އަސްކަރިއްޔާ ވަރުގަދަކުރަނީ


ޖަޕާނުގެ އަސްކަރިއްޔާއާއި ކަނޑުގެ ސިފައިންގެ ފައުޖުތައް އިތުރަށް ވަރުގަދަކޮށް، ބާރުވެރި ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި އެ ޤައުމުގެ ބޮޑުވަޒީރު ފުމިޔޯ ކިޝިޑާ ހާމަކުރައްވައިފިއެވެ. އޭނާ މި ކަން ހާމަ ކުރައްވާފައި މި ވަނީ، އުތުރު ކޮރެޔާއިން މިސައިލް ޓެސްޓުތައް ހަދާ މިންވަރު އިތުރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޖަޕާނާއި، އެ ޤައުމާ ގުޅިފައިވާ ޤައުމުތަކުގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް ދައްކައިލުމަށް ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ކިޝިޑާ ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި، އުތުރު ކޮރެޔާގެ އަސްކަރީ ހަރަކާތްތައް ކުށްވެރި ކުރައްވާފައެވެ. އުތުރު ކޮރެޔާއިން ދާދި ފަހުން ޓެސްޓު ކުރި މިސައިލެއް ދަތުރު ކޮށްފައި ވަނީ ޖަޕާނުގެ ވައިގެ ސަރަޙައްދުގެ ތެރެއިން، އެ ޤައުމުގެ މަތިންނެވެ. މި ހާދިސާއާ ގުޅިގެން ޖަޕާނުގެ އަސްކަރިއްޔާ ކުއްލި ހާލަތަކަށް ގެންނަން ޖެހުނެވެ.

"ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޤައުމުތަކުން މިހާރު ހިންގަމުންދާ އަމަލުތަކަށް ފާރަވެރިވާން ޖެހޭ. އެއް ޤައުމުން ދަނީ އަނެއް ޤައުމަށް ބިރު ދައްކަމުން. އަދި، އެ ފަދަ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ސުލްޙަމަސަލަސް ކަމަށް މި ވަނީ ހުރަސް އެޅިފައި،" ކިޝިޑާ ވިދާޅުވިއެވެ.

ޖަޕާނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އެ ޤައުމުގެ މަސްލަޙަތު ހިމާޔަތް ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާ އިތުރަށް ފުޅާ ކުރަން ޖެހިފައިވާ ކަމުގައި ކިޝިޑާ ވިދާޅުވިއެވެ. އަދި، ދިފާޢީ އަދި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށް ޖަޕާނުން މިހާރު ދަނީ އައު ރޭވުންތަކެއް ހަދަމުންނެވެ. މި ރޭވުންތަކުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުގެ ސިފައިންގެ އަދަދު ދެ ގުނައަށް އިތުރު ކުރާނެ ކަމަށް ބެލެވެއެވެ.

ކިޝިޑާ ވިދާޅުވީ ޖަޕާނުގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް ބަނުމުގެ އިތުރަށް ފުޅާ ކުރާނެ ކަމަށާއި، މިސައިލް ހަމަލާތަކުން ދިފާޢުވާ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ވެސް ރާވާފައިވާ ކަމުގައެވެ. މީގެ އިތުރުން، އެ ޤައުމުގެ ސިފައިންނަށް ފަހި މަސައްކަތުގެ މާހައުލެއް ޤާއިމުކޮށްދީ، އުޖޫރައަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެ ކަމުގައި ވެސް ކިޝިޑާ ވިދާޅުވިއެވެ.

މަނަވަރުތައް ދައްކައިލުމަށް ބޭއްވި ހަރަކާތުގައި ޖަޕާނުގެ އިތުރުން 12 ޤައުމެއްގެ ކަނޑުގެ ސިފައިން ބައިވެރިވިއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިޔާއާއި އިންޑިޔާއާއި އެމެރިކާ ހިމެނެއެވެ. އަދި، ހަތް އަހަރަށް ފަހު ދެކުނު ކޮރެޔާއިން ވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.