ޚަބަރު

ސޫރިޔާ ސިފައިންގެ ހަމަލާތަކެއްގައި ރެފިޔުޖީންތަކެއް މަރުވެއްޖެ


ސޫރިޔާ ސަރުކާރު ސިފައިން ދިން ރޮކެޓް ހަމަލާތަކެއްގައި ޢާންމުންގެ ނުވަ މީހުން މަރުވެއްޖެއެވެ. މި ހަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ޤައުމުގެ ހުޅަނގުއުތުރުގައި އޮންނަ އިދްލިބް ޕުރޮވިންސުގެ ސަރަޙައްދުތަކަށެވެ. ސޫރިޔާ ސިފައިން އެ ސަރަޙައްދަށް 30އަށްވުރެ ގިނަ ރޮކެޓް ހަމަލާ ދީފައިވާ ކަމުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އޮބްޒަރވަރުން ބުނެއެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ އިންސާނީ ހައްޤުތަކާ ބެހޭ ޖަމުޢިއްޔާއެއް ކަމުގައިވާ ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިޔުމަން ރައިޓްސްގެ އޮބްޒަރވަރުން ބުނީ، ރޮކެޓް ހަމަލާތަކުގައި މަރުވި ނުވަ މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނޭ ކަމުގައެވެ. އަދި، ރެފިޔުޖީން ދިރިއުޅޭ ސަރަޙައްދަކަށް އަމާޒުކޮށް ދީފައިވާ މި ހަމަލާތަކުގައި 75އަށްވުރެ ގިނަ މީހުން ޒަޚަމުވި ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.

އިދްލިބްގެ ގިނަ ސަރަޙައްދުތަކުގެ ކޮންޓްރޯލް މި ވަގުތު އޮތީ ސަރުކާރާ ދެކޮޅު ޖަމާޢަތްތަކުގެ އަތްދަށުގައެވެ. އަދި، އެ ސަރަޙައްދަށް ދިން ހަމަލާތަކުގެ ރައްދުގައި، އެ ޖަމާޢަތްތަކުން ވެސް ވަނީ ސަރުކާރުގެ ފައުޖުތަކަށް އަމާޒުކޮށް ހަމަލާ ދޭން ފަށާފައެވެ.

އިދްލިބްގެ އިތުރުން ޙަލަބާއި ޙަމާ އަދި ލަތާކިޔާގެ ބޮޑު ސަރަޙައްދެއް ވެސް އަދި ވެސް އޮތީ ސަރުކާރާ ދެކޮޅު ފައުޖުތަކުގެ ބާރުގެ ދަށުގައެވެ. އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ އެއް ޖަމާޢަތް ކަމުގައިވާ ޙަޔާތު ތަޙުރީރުއްޝްއިން ދާދި ފަހުން ވަނީ ހަމަލާތަކެއް ދީ ސޫރިޔާ ސިފައިންގެ ފަސް މީހުން މަރައިލާފައެވެ. އިދްލިބަށް ދީފައިވާ ހަމަލާތަކަކީ އޭގެ ރައްދުގައި ދިން ހަމަލާތަކެއް ކަމަށް ބެލެވެއެވެ.

ތިން މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިދްލިބުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ރެފިޔުޖީންނެވެ. 2011ވަނަ އަހަރު ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމައާ ގުޅިގެން އެތަކެއް މިލިޔަން ބަޔެއްގެ ގެދޮރު ގެއްލި، ރެފިޔުޖީންނަށް ވެފައި ވާއިރު، މި ހަނގުރާމައިގައި ބައި މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.