ޚަބަރު

ނޮވެމްބަރ 3 ގެ ހަދާނީ ބިނާގައި ދިދަޖެހުމުގެ ރަސްމިޔާތެއް ބޭއްވުން


ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ސަލާމަތްކުރުމުގައި މުހިންމު އެއްބާރުލުމެއް ދިން އިންޑިއާގެ ސިފައިންނާއި އެ ޙަމަލާއިން ރާއްޖެ ސަލާމަތްކުރުމަށް ހަނގުރާމަކުރި ދިވެހި ސިފައިންގެ ފަރާތުން ނޮވެމްބަރ 3 ގެ ހަދާނީ ބިނާގައި ދިދަޖެހުމުގެ ރަސްމިޔާތެއް ބާއްވައިފިއެވެ.ސަލްޓަންޕާރކްގެ ކައިރީގައި ހުންނަ ނޮވެމްބަރ 3 ގެ ހަދާނީ ބިނާގައި ދިދަ ޖެހުމުގެ ރަސްމިޔާތުގައި، އިންޑިއާ ސިފައިންގެ ފަރާތުން ބައިވެރިވީ، މިހާރު ރާއްޖެ އައިސްފައިވާ އިންޑިޔާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރު އައި.އެން.އެސް ވިކްރަމަދިތްޔާގައި ރާއްޖެ އައިސް އުޅޭ ސިފައިންނެވެ. މި ރަސްމިޔާތުގައި 1988 ގެ ނޮވެމްބަރ މަހުގެ 3 ވަނަދުވަހު ރާއްޖެއަށް ދިން ޢުދުވާނުގައި ޝަހީދުވި މީހުންގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވެއެވެ.އައި.އެން.އެސް ވިކްރަމަދިތްޔާ ރާއްޖެއަށް އައީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، އަސްކަރީ ގޮތުން ދެޤައުމުގެ ދެމެދުގައި އޮތް ފުރިހަމަ އެއްބާރުލުން ރަމްޒުކޮށްދޭ ދަތުރެއްގައެވެ. 1998 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ބޭރުގެ ހަތިޔާރުއެޅި ޖަމާޢަތެއްގެ ހަނގުރާމަވެރިން ރާއްޖެއަށް ދިން ޙަމަލާގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވިއެވެ. އެ ޙަމަލާއިން ރާއްޖެ ސަލާމަތްކުރުމަށް ދިވެހި ސިފައިން ކުރަމުން ގެންދިޔަ ޖިހާދުގެ ވަގުތުގައި ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާގެ ސިފައިން އަސްކަރީ އެހީއަށް އެދިވަޑައިގެންނެވިއެވެ. މި އެދިވަޑައިގަތުމާއެކު އިންޑިއާގެ އަސްކަރީ ސިފައިން ހަތިޔާރާއެކު އަސްކަރީ މަނަވަރާއި ވައިގެ އުޅަނދުފަހަރުގައި ރާއްޖެ އައިސް ދިވެހި ސަރުކާރުން އެދިވަޑައިގެންނެވި ކަންކަމުގައި އެހީތެރިވެދީފައިވެއެވެ.