މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދައަރާނެކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާއިން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:15އިން ފެށިގެން މެންދުރު 14:00އާ ހަމައަށެވެ.
އިއްޔެވެސް ދިޔަވަރުބޮޑުވި ވަގުތުގައި މާލޭގެ ކާނިވާ ސަރަޙައްދަށް ވަރަށް ބޮޑަށް އުދަ އަރާފައިވެއެވެ. އަދި މާލެ ސަރަޙައްދަށް މިއަދު އެންމެ ދިޔަވަރު ބޮޑުވާނީ މެންދުރު ކުރީ 11:50ހާއިރުން ފެށިގެންކަމަށާއި އަދި ދެކުނަށް ދިޔަވަރު ބޮޑުވާނީ 12:40ހާއިރުކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ދިޔަ ބޮޑުވާ ވަގުތުގައި މެދުރާއްޖެތެރެއަށް އަދި ދެކުނަށް އުދަރާނެއެވެ. އަދި އާއްމުގޮތެއްގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާ 5 ފޫޓާ ދެމެދުގެ އުސްމިނުގައިކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާކުރާނެކަމަށާއި، އަދި ބައެއް ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
އާއްމުގޮތެއްގައި ވައި މަޑުވާނެކަމަށާއި ނަމަވެސް ވިލާގަނޑުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ އދ.މާމިގިއްޔަށެވެ. އެރަށަށް 45.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ.