އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން ކުރިއަށް ގެންދިޔަ ވަރުގަދަ އަސްކަރީ ތަމްރީނުތަކަކާ ގުޅުވައި އުތުރު ކޮރެޔާއިން އަނެއްކާ ވެސް ބެލިސްޓިކް މިސައިލް ޓެސްޓުތަކެއް ހަދައިފިއެވެ. ދެކުނު ކޮރެޔާއިން ބުނީ އުތުރުން ހަތަރު މިސައިލް ޓެސްޓެއް ހަދާފައިވާ ކަމުގައެވެ.
މީގެ ތެރޭގައި އެހެން ބައްރެއްގައި އޮންނަ ޤައުމަކަށް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ހިމެނެއެވެ. ޓެސްޓު ކޮށްފައިވާ މިސައިލްތަކުގެ ތެރެއިން އެއް މިސައިލް ވެއްޓުނީ ދެކުނު ކޮރެޔާ ކައިރި ކަނޑުގެ ސަރަޙައްދަށް ކަމުގައި އެ ޤައުމުން ބުނެއެވެ.
މިސައިލްތައް ވެއްޓުނީ 130 ކިލޯމީޓަރު ދުރަށް ދަތުރު ކުރުމަށް ފަހުއެވެ. އަދި، ދަތުރު ކޮށްފައި ވަނީ 20 ކިލޯމީޓަރު މަތިން މާކް 5ގެ ބާރު ދުވެލީގައެވެ. އެއީ، އަޑަށް ވުރެ ފަސް ގުނަ ބާރު ދުވެއްޔެކެވެ.
އުތުރު ކޮރެޔާއިން މިސައިލް ޓެސްޓުތައް ހަދާފައި ވަނީ އެމެރިކާއާއި ދެކުނު ކޮރެޔާގެ އަސްކަރީ ތަމްރީނުތަކަކާ ގުޅުވައިގެންނެވެ. "ވިޖިލެންޓް ސްޓޯމް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުގައި އެމެރިކާގެ ބޮންއަޅާ މަތިންދާބޯޓެއް ކަމުގައިވާ ބީ-1ބީ ވެސް ބޭނުން ކޮށްފައިވެއެވެ.
ބީ-1ބީއަކީ ދުރު ރާސްތާއަށް ދަތުރު ކުރާ އަސްކަރީ މަތިންދާބޯޓެކެވެ. މިއީ، 2017ވަނަ އަހަރުގެ ޑިސެންބަރު މަހަށް ފަހު އެމެރިކާއިން މި ވައްތަރުގެ މަތިންދާބޯޓު ކޮރެޔާ ސަރަޙައްދަށް ފޮނުވާފައިވާ ފުރަތަމަ ފަހަރެވެ. ތަމްރީނުތަކުގައި ބީ-1ބީ މަތިންދާބޯޓު ބޭނުން ކޮށްފައި ވަނީ އެމެރިކާގެ އަސްކަރީ ބާރުވެރި ކަން ދެއްކުމަށް ކަމަށް ބެލެވެއެވެ.
ތަމްރީނުތަކުގައި މި ފަދަ މަތިންދާބޯޓު ބޭނުން ކުރާތީ އުތުރު ކޮރެޔާއިން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. ނަމަވެސް، "ލޭންސަރ"ގެ ނަން ދީފައިވާ މި މަތިންދާބޯޓުތަކަކީ ނިއުކްލިޔަރ ހަމަލާއެއް ދިނުމަށް ބޭނުން ކުރާ މަތިންދާބޯޓެއް ނޫނެވެ.
އެމެރިކާއިން ކޮރެޔާ ސަރަޙައްދަށް ބީ-1ބީ މަރުކާގެ މަތިންދާބޯޓުތައް ފޮނުވާފައި ވަނީ އުތުރު ކޮރެޔާގެ އަސްކަރީ މަތިންދާބޯޓުތައް ރުކުރުވާލުމާ ގުޅިގެންނެވެ. ދެކުނު ކޮރެޔާއިން ބުނީ އުތުރު ކޮރެޔާގެ 180 އަސްކަރީ މަތިންދާބޯޓު ތައްޔާރީ ހާލަތަކަށް ގެނެސް، ބައެއް ބޯޓުތައް އުދުއްސައިލާފައިވާ ކަމުގައެވެ. އަދި، އެ ކަމަށް ރައްދު ދިނުމުގެ ގޮތުން ދެކުނު ކޮރެޔާއިން ވެސް ވަނީ އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތައް ވެސް ދެ ޤައުމު ގުޅޭ ސަރަޙައްދަށް ފޮނުވާފައެވެ.
އުތުރު ކޮރެޔާއިން ބުނަނީ އަސްކަރީ ތަމްރީނުތަކުގެ ސަބަބުން އެ ޤައުމުގެ މިނިވަން ކަމާއި ސިޔާދަތަށް ނުރައްކާވާ ކަމުގައެވެ. އެމެރިކާއާއި ދެކުނު ކޮރެޔާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކާ ގުޅިގެން އުތުރު ކޮރެޔާއިން މިސައިލް ޓެސްޓު ހެދުން އިތުރު ކޮށްފައިވާއިރު، އުތުރު ކޮރެޔާއިން ނިއުކްލިޔަރ ޓެސްޓެއް ހެދުމަށް ތައްޔާރު ވަމުންދާ ކަމުގައި އެމެރިކާއާއި ދެކުނު ކޮރެޔާއިން ތުހުމަތު ކުރެއެވެ.