ފަހު ވަގުތު އެމްޕީއެލް ބަލިކޮށް ފެނަކަ ރެކްރިއޭޝަން ކުލަބުން ފުރަތަމަ ފަހަރަށް ކުލަބު މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފިއެވެ.
ހޮނިހިރު ދުވަހުގެރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު ފެނަކައިން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެމްޕީއެލުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެމްޕީއެލްއަށް ކާމިޔާބުކޮށްދިނީ އަލީ ޝަމާލް އަބްދުﷲއެވެ. އޭގެ ފަހުން އެމްޕީއެލްގެ ފަސް ފައުލު ހަމަވެގެން ފެނަކައަށް ވަނީ ދުރު ދެ ޕެނަލްޓީ ލިބިފައެވެ. މި ދެ ޕެނަލްޓީވެސް ފޮނުވާލީ ފެނަކަ ޓީމުގެ އިތުބާރު ފޯވާޑް އަޔާޒް އަޙްމަދެވެ. އެކަމަކު އޭނާ ފޮނުވާލި ދެ ޕެނަލްޓީވެސް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.
މި މެޗުގައި ފެނަކައިން އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ފެނަކައިގެ ފުރަތަމަ ލަނޑު ތަޖުރިބާކާރު ކުޅުންތެރިޔާ މުޙައްމަދު އައްޒާމް ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު މެޗުގެ ފަހު މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ފެނަކައިގެ އަޔާޒް އާއި، އޮޮންލީގެ އިތުރުން އެމްޕީއެލްގެ މުޙައްމަދު ސާދު ނިޒާރާއި، ގޯލްކީޕަރު އިސްމާޢީލް ފާތިހު (ތާޑޭ) އަދި އެޗްޑީސީގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
މި މުބާރާތުގެ ބެސްޓް ސަޕޯޓިން ޓީމަށް ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ހޮވުނުއިރު، ފެއާ ޕްލޭ ކުޅުންތެރިޔަކީ ނާއިޒް ހަސަން (ދާދު) އެވެ. އަދި ފެއާ ޕްލޭ ޓީމަކީ ކުލަބު ވެމްކޯއެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުންތެރިޔަކަށް އަޔާޒް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ފެނަކައިގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މުބާރާތުގައި ޖުމްލަ 13 ލަނޑު ޖެހި އޮންލީއެވެ.