ޚަބަރު

އައި.އެން.އެސް ވިކްރަމަދިތްޔާ މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ


އަސްކަރީ ގޮތުން ދެޤައުމު ޙިއްސާކުރާ ގާތްގުޅުން ރަމްޒުކޮށްދިނުމުގެ ދަތުރެއްގައި އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރު އައި.އެން.އެސް ވިކްރަމަދިތްޔާ މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެއެވެ. މި މަނަވަރާއެކު މިމަނަވަރަށް އެހީތެރިވެދޭ އިތުރު ދެމަނަވަރު ވެސް ވަނީ އައިސްފައިވެއެވެ.ރާއްޖެއާއި އިންޑިއާއަކީ އިޖްތިމާއި، އިޤްތިސާދީ އަދި އަސްކަރީ ގޮތުންވެސް ވަރަށް ގާތް ގުޅުމެއް ހިއްސާ ކުރާ ދެޤައުމެވެ. އިންޑިއާއިން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އަސްކަރީ ގޮތުންވެސް ގިނަ އެހީތަކެއް ފޯރުކޮށްދީފައިވެއެވެ. އައި.އެން.އެސް ވިކްރަމަދިތްޔާގެ މިދަތުރުގައި އިންޑިއާގެ އިތުރު ދެ މަނަވަރު ކަމަށްވާ އައި.އެން.އެސް މައިސޫރާ އައި.އެން.އެސް ދީޕަކް ދަނީ ބައިވެރިވަމުންނެވެ. އައި.އެން.އެސް ވިކްރަމަދިތްޔާ ރާއްޖެއަށް ކުރާ ދަތުރަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމާއި، އަސްކަރީ ގޮތުން ދެޤައުމުގެ ދެމެދުގައި އޮތް ފުރިހަމަ އެއްބާރުލުން ރަމްޒުކޮށްދޭ ދަތުރެއްކަމަށް އިންޑިއާގެ ހައިކޮމިޝަނުން ސިފަކުރެއެވެ. މި 3 މަނަވަރު ރާއްޖެއަށް ކުރާ ދަތުރަކީ، މި މަހުގެ 7 ކުން 9 ކަށް އިންޑިއާއިން ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ބައިވެރިވުމަށްފަހު ކުރާ ދަތުރެކެވެ.އައި.އެން.އެސް ވިކްރަމަދިތްޔާއަކީ، އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ ތެރެއިން އެންމެ ފަހުން ޚިދުމަތާ ގުޅުނު މަނަވަރެވެ. މިއީ، 285 މީޓަރު ދިގު، 60 މީޓަރު ފުޅާ މި މަނަވަރު، ބޭރު ޤައުމަކަށް ކުރާ ފުރަތަމަ ދަތުރެވެ. އައި.އެން.އެސް ވިކްރަމަދިތްޔާ އާއިއެކު ރާއްޖެއައިސްފައިވާ އައި.އެން.އެސް މައިސޫރަކީ ގައިޑަޑް މިސައިލް ބޭނުންކުރުމުގެ ޤާބިލްކަން ލިބިފައިވާ މަނަވަރެކެވެ. އަދި އައި.އެން.އެސް ދީޕަކްއަކީ ފްލީޓްގައި ހިމެނޭ އެހެން މަނަވަރުތަކަށް ބޭނުންވާ ސަޕްލައި އުފުލާދޭ މަނަވަރެކެވެ. އައި.އެން.އެސް ދީޕަކްއަކީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލެއަށް ކުރިމަތިވި ފެނުގެ ކާރިޘާއާ ގުޅިގެން އިންޑިޔާއިން ރާއްޖެއަށް ފެނުގެ އެހީ ހިފައިގެންވެސް އައި މަނަވަރެވެ. އައި.އެން.އެސް ވިކްރަމަދިތްޔާއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު މި މަހުގެ 16 ވަނަ ދުވަހާއި 17 ވަނަ ދުވަހު ޢާއްމުކޮށް ހުޅުވާލާފައިވާ ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ހާމަކުރެއެވެ.