ޚަބަރު

ޔަހޫދީން ޣައްޒާއަށް ބޮންއަޅައިފި


ޔަހޫދީން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގެ ތެރެއިން ޣައްޒާއަށް ޔަހޫދީންގެ އަސްކަރީ މަތިންދާބޯޓުތަކުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. ޔަހޫދީންގެ ސިފައިން ބުނީ، ޣައްޒާއަށް ބޮންއަޅަން ފަށާފައި ވަނީ، އެ ރަށުގައި ހަރަކާތްތެރިވާ ހަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން އިސްރާޢީލުގެ ރަށްތަކަށް ރޮކެޓް ހަމަލާތަކެއް ދިނުމާ ގުޅިގެން، އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ.

ޣައްޒާއިން އިސްރާޢީލަށް އަމާޒުކޮށް ހަތަރު ރޮކެޓް ހަމަލާ ދީފައިވާ ކަމުގައި އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނެއެވެ. މީގެ ތެރެއިން އެއް ރޮކެޓް ވަނީ ވައިގެ ތެރޭގައި ނައްތައިލާފައެވެ. ނަމަވެސް، އަނެއް ތިން ރޮކެޓު ވެއްޓުނީ ޣައްޒާގެ ސަރަޙައްދަށެވެ.
ރޮކެޓް ހަމަލާތަކުގެ ރައްދުގައި ވައިގެ ހަމަލާތައް ދީފައި ވަނީ ހަމާސް ޖަމާޢަތުން ރޮކެޓާއި ހަތިޔާރު އުފައްދަން ބޭނުން ކުރާ ކާރުޚާނާތަކަކަށް ކަމުގައި އިސްރާޢީލުގެ އަސްކަރިއްޔާއިން ބުނެއެވެ.

މިއީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިންނާއި އިސްރާޢީލުގެ ފައުޖުތަކާ ދެމެދު އޮގަސްޓު މަހު ހިނގި ހަމަނުޖެހުންތަކަށް ފަހު ޔަހޫދީންގެ ވައިގެ ސިފައިން ޣައްޒާއަށް ބޮން އަޅާފައިވާ ފުރަތަމަ ފަހަރެވެ.

ރޮކެޓް ހަމަލާތައް ދީފައި ވަނީ އިސްރާޢީލުގެ ޢާންމު އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ. މި އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ ޔަހޫދީންގެ ދަޢުލަތުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕާޓީންނެވެ.

2007ވަނަ އަހަރުން ފެށިގެން ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ ޣައްޒާއަށް ވަދެނިކުމެ ވާން އޮންނަ ހުރިހާ މަގެއް ބަންދުކޮށް، އެ ރަށުގެ ރަޢްޔިތުން އަޅުވެތި ކޮށްފައެވެ. ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން ދިރިއުޅެމުން ދަނީ ޔަހޫދީންގެ އިސްތިއުމާރީ ބާރުގެ ދަށުގައެވެ.