ޚަބަރު

ޔަހޫދީންގެ ބަޑީގެ ހަމަލާތަކެއްގައި ފަލަސްޠީނުގެ ހަތަރު މީހުން ޝަހީދުކޮށްލައިފި


ޔަހޫދީން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާޢީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކުގައި ފަލަސްޠީނުގެ ހަތަރު މީހަކު ޝަހީދު ކޮށްލައިފިއެވެ. އެ މީހުން ޝަހީދު ކޮށްލާފައި ވަނީ ޤުދުސްގެ އިރުމަތީ ސަރަޙައްދާއި ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަސްކަރިއްޔާއިން ހިންގި އުދުވާންތަކެއްގައެވެ.

14 އަހަރުގެ ސަމީރު ޚަލޫފާއި 28 އަހަރުގެ ފާރޫޤު ސަލާމީ ޝަހީދު ކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގެ ރަށެއް ކަމުގައިވާ ޖަނީންގައި ޔަހޫދީ ސިފައިން ދިން ހަމަލާތަކެއްގައި ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. ޔަހޫދީ ސިފައިންގެ ހަމަލާތަކުގައި އިތުރު ހަތަރު މީހެއްގެ ހަށިގަނޑަށް ވަޒަން އަރި ޒަޚަމުވެފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ.

ސަލާމީއަކީ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތެއް ކަމުގައިވާ އިސްލާމިކް ޖިހާދަށް ނިސްބަތްވާ ހަނގުރާމަވެރިއެއް ކަމުގައި ޔަހޫދީންގެ އަސްކަރިއްޔާއިން ބުނެއެވެ. އޭނާއަކީ ޔަހޫދީންގެ ސިފައިންނަށް ހަމަލާ ދިނުމުގެ ފަހަތުގައިވާ މީހެއް ކަމަށް ވެސް އެ މީހުން ތުހުމަތު ކުރެއެވެ.

ޔަހޫދީ ސިފައިންގެ ދެވަނަ ހަމަލާތައް ދީފައި ވަނީ ޤުދުސްގެ އިރުމަތީގައި ހުންނަ އަލްއަޤްޞާ މިސްކިތް ކައިރީގައެވެ. އެ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ދެ މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ. އޮކްޓޫބަރު މަސް ފެށުނު ފަހުން ޔަހޫދީންގެ ސިފައިން ފަލަސްޠީނުގެ ބިންތަކުގައި ހިންގާފައިވާ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 34އަށް އަރާފައެވެ.

އޮކްޓޫބަރު މަހުގެ ކުރީކޮޅުން ފެށިގެން ޔަހޫދީ ސިފައިން ބަންދުކޮށްފައި އޮތް ހުޅަނގު އައްސޭރީގެ ރަށެއް ކަމުގައިވާ ނާބުލުސް މިހާރު ވަނީ ހުޅުވައިލާފައެވެ. އެއީ، 200,000 މީހުންގެ އާބާދިއެއް އޮންނަ ރަށެކެވެ.

އެ ރަށް އަލުން ހުޅުވައިލުމުގެ އުފަލުގައި ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު ޝުޠައްޔާ ވަނީ އެ ރަށުގައި ހިނގާލުމެއް ބާއްވަވާފައެވެ. މި ހިނގާލުމުގައި، ފަލަސްޠީނުގައި ތިބި ބޭރު ޤައުމުތަކުގެ ސަފީރުން ވެސް ބައިވެރިވިއެވެ. މީގެ ތެރޭގައި ވިލާތުގެ އިއްތިހާދު (އީ.ޔޫ)އާއި އެމެރިކާގެ ސަފީރު ވެސް ހިމެނިވަޑައިގަންނަވައެވެ.