ޚަބަރު

ބަޑީގެ ހަމަލާގެ ފަހަތުގައިވަނީ ބޮޑުވަޒީރު: އިމްރާން ޚާން


ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަވަހާރަ ކޮށްލަން ދިން ބަޑީގެ ހަމަލާގެ ފަހަތުގައި ވަނީ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި ސަރުކާރުގެ އިސްވެރިން ކަމުގައި ޚާން ތުހުމަތު ކުރައްވައިފިއެވެ. ޝަރީފްގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި ހިނގާލުމެއްގެ ތެރެއިން ޚާން އަވަހާރަ ކޮށްލަން ދިން ހަމަލާގައި އޭނާގެ ފަޔަށް ވަނީ ވަޒަން އަރައި، ޒަޚަމުވެފައެވެ.

ޚާން ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމުން ދުރުކޮށްފައި ވަނީ އޭޕްރިލް މަހު އޭނާއާ ދެކޮޅަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. އެއަށް ފަހު ވެރިކަމާ ހަވާލު ވަޑައިގަތީ ޝަހްބާޒް ޝަރީފެވެ. ޚާން ވިދާޅުވީ އޭނާ އަވަހާރަ ކޮށްލަން ދީފައިވާ ބަޑީގެ ހަމަލާތަކުގެ ފަހަތުގައި ވަނީ ޝަރީފާއި ދާޚިލީ ވަޒީރު ރަނާ ސަނާއުاللهއާއި އަސްކަރިއްޔާގެ އިސް ލީޑަރެއް ކަމުގައެވެ.

"އަޅުގަނޑު މަރައިލާން މަސައްކަތް ކުރީ އެ ތިން މީހުން،" ފަޔަށް ވަޒަނެއް އެރުމުން ލާހޯރުގެ ހޮސްޕިޓަލެއްގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ ޚާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ. ހަމަލާ ދިނުމަށް އެ ތަނުގައި ހަތިޔާރު އެޅި ދެ މީހަކު ހަރަކާތްތެރިވި ކަމުގައި ވެސް ޚާން ތުހުމަތު ކުރެއްވިއެވެ.

ޕާކިސްތާނުގެ ސަރުކާރުން ވަނީ ޚާންގެ މި ތުހުމަތުތަކަށް ރައްދު ދީފައެވެ. ސަރުކާރުން ބުނެފައި ވަނީ ޚާން އަވަހާރަ ކޮށްލަން ހަމަލާ ދިން މީހާއާއި ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމުގައެވެ. އަދި، އޭނާ އަމަލު ކޮށްފައި ވަނީ އެކަނި ކަމުގައި ވެސް ސަރުކާރުން ބުންޏެވެ. މި ކަމާ ގުޅޭ ގޮތުން ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ ޚާން ކުރައްވާފައި ވަނީ އެއްވެސް ހަޤީޤަތެއް ނެތް ތުހުމަތުތަކެއް ކަމުގައެވެ.

ޚާން އަވަހަރާ ކޮށްލުމުގެ ނިޔަތުގައި ދިން ހަމަލާގައި 10 މީހަކު ޒަޚަމުވިއެވެ. އަދި، މި ހަމަލާއާ އެކު ޕާކިސްތާނުގެ ސިޔާސީ މަސްރަޙު ވަނީ ހޫނުވެފައެވެ. އޭނާއަށް ތާޢީދު ކުރާ މީހުން ވަނީ އެކި ކަންކޮޅުތަކުގައި މަގުތަކަށް ނިކުމެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފަށާފައެވެ.

ޚާން އަވަހާރަ ކޮށްލަން ހަމަލާ ދީފައި ވަނީ ނަވީދު އަޙުމަދު ކިޔާ މީހެކެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އޭނާ ފުލުހުންނަށް ދިން ވީޑިޔޯ ބަޔާނެއް ޢާންމުވެފައި ވާއިރު، ޚާންއަށް ހަމަލާ ދީފައި ވަނީ ދޮގު މަޢުލޫމާތު ފަތުރައި ޢާންމުންނަށް އޮޅުވައިލަން މަސައްކަތް ކުރައްވާތީ ކަމުގައި ވީޑިޔޯގައި އަޙުމަދު ބުނެއެވެ. އަދި، ހަމަލާ ދިނުމަށް ނިންމާފައި ވަނީ ނަމާދު ވަގުތުގައި މުޒާހަރާކޮށް، އަޑުގަދަ ކުރާތީ އެ ކަމާ ހިތްހަމަ ނުޖެހިގެން ކަމުގައި ވެސް އޭނާ ބުންޏެވެ.

ޕާކިސްތާނުގެ ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް މި ފަދަ ނުރައްކާތެރި ހަމަލާތައް ދިނުމަކީ އައު ކަމެއް ނޫނެވެ. އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫއަކީ މި ފަދަ ހަމަލާއެއްގައި އަވަހާރަ ކޮށްލާފައިވާ އެއް ލީޑަރެވެ. އޭނާ އަވަހާރަ ކޮށްލާފައި ވަނީ 2007ވަނަ އަހަރުގެ ޑިސެންބަރު މަހު ރާވަލްޕިންޑީގައި ދިން ބަޑިއާއި ބޮމުގެ ހަމަލާއެއްގައެވެ.

ބުއްޓޫގެ ބައްޕާފުޅު ޒުލްފިކާރު ޢަލީ ބުއްޓޫ ވެސް ވަނީ 1979ވަނަ އަހަރު ހިންގި ބަޣާވާތަކަށް ފަހު އަވަހާރަ ކޮށްލާފައެވެ. އެއީ ވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ.