ޚަބަރު

ޔޫކްރެއިނުން 10 މިލިޔަން ޓަނުގެ ގޮވާން އެކްސްޕޯޓުކޮށްފި


ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތަކުގެ 10 ޓަނު އެ ޤައުމުން އެކްސްޕޯޓު ކުރެވިފައިވާ ކަމުގައި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ހާމަ ކުރައްވައިފިއެވެ. ފެބުރުވަރީ 24ވަނަ ދުވަހު ފެށި ހަނގުރާމައާ ގުޅިގެން ޔޫކްރެއިނުން ގޮވާމާއި އެހެނިހެން ތަކެތި އެކްސްޕޯޓު ކުރުމަށް އޮތީ ހުރަސް އެޅިފައެވެ.

ޔޫކްރެއިނުގެ ގޮވާމުގެ އުފެއްދުންތައް އެކްސްޕޯޓު ކުރުމުގެ ފުރުޞަތު ރަޝިޔާއިން ދީފައި ވަނީ އ.ދ.އިން އިސްގަގައިގެން، ތުރުކީ ވިލާތުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރި މަސައްކަތުންނެވެ. މި ކަމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ. އަދި، ހަނގުރާމަ ފެށި ފަހުން ފުރަތަމަ ފަހަރަށް ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރަން ފަށާފައި ވަނީ އޮގަސްޓު މަހުގެ 1ވަނަ ދުވަހުއެވެ.

ނަމަވެސް، ހުސްވި އޮކްޓޫބަރު މަހުގެ ފަހުކޮޅު ރަޝިޔާއިން ވަނީ އެއްބަސްވުމުން ވަކިވެފައެވެ. ސަބަބެއް ކަމުގައި އެ ޤައުމުން ބުނީ، ގޮވާން އުފުލާ ބޯޓުފަހަރު ބޭނުން ކޮށްގެން ރަޝިޔާގެ އަސްކަރީ މަނަވަރުތަކަކަށް ހަމަލާދިނުމެވެ. ގޮވާން އެކްސްޕޯޓު ކުރުމުގެ މަސައްކަތް އަލުން ފެށުމަށް ހުއްދަ ދީފައި ވަނީ ހަތަރު ދުވަސް ފަހުންނެވެ.

"މިއަދަކީ އެއްބަސްވުމަށް ތާރީޚީ ދުވަހެއް. އެއްބަސްވުމުގެ ދަށުން 10 މިލިޔަން ޓަނުގެ ގޮވާމުގެ ބާވަތްތައް މި ވަނީ ޔޫކްރެއިނުން އެކްސްޕޯޓު ކުރެވިފައި. މި އެއްބަސްވުން ތަންފީޒު ކުރަން ދެ ފަރާތުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ. އަދި، އެއްބަސްވުން ތަންފީޒު ކުރަން އޮތް ހުރަސްތައް ނައްތިލަން ޖެހޭނެ،" ގުތެރޭޝް ވިދާޅުވިއެވެ.

ނަމަވެސް، އެއްބަސްވުމުގެ މުއްދަތު މި ނޮވެންބަރު މަހުގެ 19ވަނަ ދުވަހު ހަމަވާނެއެވެ. އަދި، އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމާ މެދު ވަކިގޮތެއް ނިންމާފައި ނުވާ ކަމުގައި ރަޝިޔާއިން ބުނެއެވެ. "އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން އެއްބަސްވުމުގެ ކުރިން ބަލަން ޖެހޭ ބައެއް ކަންކަން އެބަހުރި. މިއީ ކިހާ ކާމިޔާބު އެއްބަސްވުމެއް ކަން ދެނެގަންނަން ޖެހޭ،" ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޮފް ވިދާޅުވިއެވެ.

އ.ދ.އިން ޤަބޫލު ކުރާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް މި އެއްބަސްވުން ވަރަށް މުހިންމެވެ. އަދި، ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ޤައުމުތަކުގައި ހާލުގައި ޖެހިފައިވާ އެތައް މިލިޔަން ބަޔަކަށް މި އެއްބަސްވުމުގެ ދަށުން ދަނީ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

ހަނގުރާމަ ފެށުމުގެ ކުރިން ޔޫކްރެއިނަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނަ އަދަދަކަށް ގޮވާމުގެ ބާވަތްތައް ސަޕްލައި ކޮށްދޭ ޤައުމެވެ. އަދި، އެއްބަސްވުން އެކުލަވައިލުމުގެ ކުރިން އެ ޤައުމުގައި އެކްސްޕޯޓް ނުކުރެވި ބަންދުވެފައިވާ ގޮވާމުގެ ޝިޕްމަންޓްތަކުގެ ބަރުދަން 20 މިލިޔަން ޓަނަށް އަރާ ކަމުގައި އ.ދ.އިން ބުނެއެވެ.

ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރުމުގެ ފުރުޞަތު އަލުން ހުޅުވައިލީ، ބްލެކް ސީ ސަރަޙައްދުގައި ހަރަކާތްތެރިވާ ރަޝިޔާގެ އަސްކަރީ މަނަވަރުތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމުގެ ޔަގީންކަން ޔޫކްރެއިނުން ދިނުމުން ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. ނަމަވެސް، ޔޫކްރެއިނުގެ ޚާރިޖީ ވުޒާރާއިން ބުނީ ކުރިން އެއްބަސްވެފައި ނެތް އިތުރު ކަމެއް ކުރުމަށް އެ ޤައުމުން ފަހުން އެއްބަސްވެފައި ނުވާނެ ކަމުގައެވެ.