ޚަބަރު

ޢާންމު ރޯގާއާއި ކޮވިޑަށް ދޭނެ އެއް ވެކްސިނެއް އުފައްދަނީ


މޫސުމީ ރޯގާއަށް ދޭ ވެކްސިނާއި ކޮވިޑް-19އަށް ފަރުވާ ކުރުމަށް ތައްޔާރު ކޮށްފައިވާ ވެކްސިން އެއްކޮށްގެން އައު ވެކްސިނެއް އުފައްފައި، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަން ފައިޒަރ އަދި ބަޔޯއެންޓެކް ކުންފުނިން ހާމަކޮށްފިއެވެ. އެ ކުންފުނިތަކުން ބުނީ، ދެ ބައްޔަށް ފަރުވާ ކުރުމަށް އެއް ވެކްސިނެއް އުފެއްދުމުން، ގިނަ އަދަދެއްގެ ބަޔަކަށް ބަލިން ރައްކާތެރިވުމަށް އެހީތެރިވެދެވޭނެ ކަމުގައެވެ.

ފައިޒަރ އަދި ބަޔޯއެންޓެކް ގުޅިގެން މިހާރު ދަނީ ވެކްސިން ޓެސްޓު ކުރުމުގެ އެންމެ ފުރަތަމަ މަރުހަލާ ފެށުމަށް ތައްޔާރު ވަމުންނެވެ. އެމެރިކާގައި ކުރިއަށްދާ މި ޓެސްޓުތަކުގައި 180 މީހަކު ވޮލަންޓިއަރުންގެ ގޮތުގައި ބައިވެރިވާނެއެވެ.

މި ޓެސްޓުތައް ކާމިޔާބު ވެއްޖެ ނަމަ، ނޭވާލާ ނިޒާމަށް ޖެހޭ މި ދެ ބަލިން ރައްކާތެރިވުމަށް ލުއިފަސޭހަވާނެ ކަމަށާއި، ގިނަ އަދަދެއްގެ ބަޔަކަށް ރައްކާތެރި ކަން ކަށަވަރު ކޮށްދެވޭނެ ކަމުގައި ފައިޒަރ ކުންފުނިން ބުނެއެވެ. މޫސުމީ ރޯގާއަކީ ވެސް ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލޭ ބައްޔެކެވެ. އެހެންކަމުން، މި ވެކްސިނާ އެކު، މޫސުމީ ރޯގާގައި ހާލަތު ދެރަވެ، މަރުވާ މީހުންގެ އަދަދު މަދު ކުރެވޭނެ ކަމަށް އެ ކުންފުނިން ޤަބޫލު ކުރެއެވެ.

އެމެރިކާގެ ކުންފުންޏެއް ކަމުގައިވާ ފައިޒަރއާއި ޖަރުމަނު ވިލާތުގެ ކުންފުންޏެއް ކަމުގައިވާ ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ކޮވިޑް-19ގެ ވެކްސިނަކީ ކޮވިޑަށް ފަރުވާ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނައިން ބޭނުން ކޮށްފައިވާ އެއް ވެކްސިނެވެ.

ކޮވިޑް ވެކްސިނާއި މޫސުމީ ރޯގާއަށް ދޭ ވެކްސިން އެއްކޮށްގެން އައު ވެކްސިނެއް އުފެއްދުމުގެ މަސައްކަތް މޮޑަރނާ ކުންފުންޏާއި ނޮވެވެކްސް ކުންފުނިން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.