ޚަބަރު

ދެކުނު ސޫދާނުގައި 8 މިލިޔަން މީހުން ހައިހޫނު ކަމުގައި


ދެކުނު ސޫދާނުގައި އަށް މިލިޔަން މީހުން ހައިހޫނުކަމަށް ހުށަހެޅިފައިވާ ކަމުގައި އ.ދ.އިން ބުނެފިއެވެ. އެއީ އެ ޤައުމުގެ އާބާދީގެ ތިންބައިކުޅަ ދެބައެވެ. ދެކުނު ސޫދާނަކީ ދުނިޔޭގެ އެންމެ ފަގީރު ޤައުމެވެ. އެ ޤައުމުގެ ތާރީޚުގެ ބޮޑުބައި ހޭދަ ކޮށްފައި ވަނީ ދާޚިލީ ހަނގުރާމައިގައެވެ. 400,000އަށްވުރެ ގިނަ މީހުން މަރުވި ހަނގުރާމައަށް ނިމުމެއް އައީ 2018ވަނަ އަހަރުއެވެ.

ދެކުނު ސޫދާނުގެ ރައްޔިތުންނަށް ހައިހޫނު ކަމުގެ އިތުރުން ފައިދާހުރި ކާނާ ލިބުން ދަތިވެފައިވާ ކަމުގައި އ.ދ.އިން ނެރުނު ރިޕޯޓެއްގައި ވަނީ ހާމަކޮށްފައެވެ. އަދި، އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުން ލަސްވެއްޖެ ނަމަ، ބައެއް ރައްޔިތުން ބަނޑަށް މަރުވުމަކީ ގާތްކަމެއް ކަމުގައި ވެސް އ.ދ.އިން ބުނެއެވެ.

އ.ދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފް.އޭ.އޯ)އާއި ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފް)އިން ބުނީ، 2013އިން 2016އަށް ދެކުނު ސޫދާނުގައި ހިނގި ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު އެ ޤައުމުގެ ރައްޔިތުން ތަހައްމުލު ކުރަމުން ދިޔަ ހާލަށްވުރެ އެ ޤައުމުގެ މަސްރަޙު މިހާރު ގޯސް ކަމުގައެވެ. އަދި، ހާލުގައި ޖެހި ހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެފައިވާ ކަމުގައެވެ.

2023ވަނަ އަހަރުގެ އޭޕްރީލާއި ޖުލައި މަހާ ދެމެދު އެ ޤައުމުގެ 7.7 މިލިޔަން މީހުންނަށް ކާބޯތަކެތީގެ ރައްކާތެރި ކަން ކަށަވަރު ކޮށްދޭން ދަތިވާނެ ކަމުގައި އެ އިދާރާތަކުން އިންޒާރު ކުރެއެވެ. އަދި، 1.4 މިލިޔަން ކުޑަކުދިންނަށް ފައިދާ ހުރި ކާނާ ފޯރުކޮށް ނުދެވޭނެ ކަމުގައި ވެސް އެ އިދާރާތަކުގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

މި ކަމުގެ ސަބަބުތަކުގެ ގޮތުގައި ހާމަކޮށްފައި ވަނީ ހަމަނުޖެހުމާއި، އިޤްތިޞާދު ބަލިކަށިވުމާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ކާބޯތަކެއްޗާއި ތެލުގެ އަގުތައް އުފުލުމެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ މުޖުތަމަޢުން ފޯރުކޮށްދޭ އެހީގެ މިންވަރު ވެސް ދަށްވެފައިވާ ކަމުގައި އެ އިދާރާތަކުން ފާހަގަ ކުރެއެވެ.

"ހައިހޫނު ކަމުން އެ މީހުން ސަލާމަތް ކުރަން މި އަހަރުގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިއްޖެ. ނަމަވެސް، އެންމެ ފުރިހަމަ މިންވަރަކަށް އެ ކަމެއް ހާސިލެއް ނުވޭ. މިއީ، މޫސުމީ ބަދަލުތަކުގެ ކުރީސަފުގައި އޮތް ޤައުމެއް. ކޮންމެ ދުވަހަކު ވެސް އެތައް ބަޔެއްގެ ގެދޮރު ދަނީ ގެއްލެމުން. ނައަމްސޫތްޕާއި ދަނޑުބިންތައް ދަނީ ހަލާކުވަމުން،" އެ ޤައުމުގައި ހުންނަ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔު.އެފް.ޕީ)ގެ ކަންޓްރީ ޑިރެކްޓަރ މެކެނާ ވޯކަރ ވިދާޅުވިއެވެ.

ސޫދާނުން ވަކިވެ ދެކުނު ސޫދާނުން މިނިވަން ކަން ހޯދީ 2011ވަނަ އަހަރުއެވެ. އެއީ ދުނިޔޭގެ އެންމެ ޅަ ޤައުމެވެ. މިނިވަން ކަން ލިބުނު ނަމަވެސް، އެ ޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ. އަދި، މޫސުމީ ކާރިސާތަކާއި އިޤްތިޞާދީ އަޑިއަގުން އަރައިގަނެވިފައެއް ނުވެއެވެ.

ދެކުނު ސޫދާނުގެ ޔުނިޓީ ސްޓޭޓްގެ ދެ ސަރަޙައްދެއް ކަމުގައިވާ ލީރްއާއި މަޔެންޑިޓްގެ ރައްޔިތުން ކާބޯތަކެއްޗަށް ޖެހިފައިވާ ކަން 2017ވަނަ އަހަރު ވަނީ އިޢުލާނު ކޮށްފައެވެ. އަދި، ހުސްވި ސެޕްޓެންބަރު މަހުގެ ތެރޭގައި އެ ޤައުމަށް ވަނީ ބޯކޮށް ވާރޭވެހި، ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި، 909,000 މީހުން ހާލުގައި ޖެހުނު ކަމުގައި އ.ދ.އިން ބުނެއެވެ.