ޚަބަރު

އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް


މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ތަރުޖަމާނަކަށް އަނަސް އަބްދުއްސައްތާރު ހަމަޖައްސައިފިއެވެ. އެމްޑީޕީން ވަނީ އަނަސް އެމަޤާމަށް ހަމަޖެއްސިކަން މިއަދު އިއުލާންކޮށްފައެވެ.

އެމްޑީޕީގެ ތަރުޖަމާނުގެ މަޤާމަށް އަނަސް އައްޔަންކުރުމުގެ ކުރިން އެ މަގާމުގައި ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

އަނަސް އެންމެފަހުން ހުންނެވީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިސްގެ ރައީސްކަމުގައެވެ. އަނަސް މީގެ ކުރިން ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައެވެ. އަދި އޭނާ ވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރ ކަމަށްވެސް ވާދަކުރައްވާފައެވެ.

ޤާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ އަނަސް އަކީ އެމްޑީޕީގެ ޤާނޫނީ ގިނަ މަސައްކަތްތަކެއް ވެސް މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްޑީޕީގެ ޗެއާޕަރސަންގެ މަގާމަށް ފައްޔާޒް އިސްމާއިލް އައްޔަންކުރުމާއި އެކު އެ ޕާޓީގެ ހިންގުމަށް އަންނަނީ ގިނަ ބަދަލުތަކެއް ގެންނަމުންނެވެ.