ޚަބަރު

"ދަ ވިޗަރ" އަށް ލިއަމް، ކަމުދާނެ ބަދަލަކަށް ވެދާނެކަމާމެދު ސުވާލު


ބެލުންތެރިންގެ މަޤުބޫލު، ނެޓްފްލިކްސް ސީރީޒް "ދަ ވިޗަރ" ގައި ހެންރީ ކެވިލް ކުޅެމުން އައި ރޯލު ލިއަމް ހެމްސްވޯތަށް ދޭން ނިންމާފައިވާކަން އިޢުލާންކުރުމާއެކު މި ދެ ތަރިންގެ ފޭނުންނާއި، ސީރީޒަށް ލޯބިކުރާ އެތައް ބަޔަކަށް ވަނީ ބޮޑު ހައިރާންކަމެއް ގެނުވާފައެވެ.

މިކަން ކަށަވަރުކޮށްދީ ދެ ތަރިން ވެސް އެ ވާހަކަ އެ މީހުންގެ ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. "ދަ ވިޗަރ" ގައި ކެވިން ކުޅެމުން އައިސްފައި ވަނީ ޖެރާލްޓްގެ ކެރެކްޓާއެވެ. "ދަ ވިޗަރ" ގެ 4 ވަނަ ސީޒަނުގައި މި ރޯލުން ދެން ފެންނާނީ ލިއަމްއެވެ.

މި ކެރެކްޓާ ދޫކޮށްލުމާއި ބެހޭގޮތުން ކެވިލް ބުނީ ލިއަމް އެ ރޯލު ވަރަށް ފުރިހަމައަށް ގެނެސްދޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި އެ ކެރެކްޓާއަކީ ވަރަށް ޝައުގުވެރިވާނެ ކެރެކްޓާއެއް ކަމަށްވެސް ލިއަމް ބުންޏެވެ. "ދަ ހަންގާ ގޭމްސް" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ލިއަމް ބުނީ އޭނާއަށް މި ފުރުޞަތު ލިބުނީތީ ވަރަށް އުފާވާ ކަމަށެވެ.

ކޮންމެއަކަސް "ދަ ވިޗަރ"ގައި ހެންރީ ކެވިލް ކުނުޅު ޖެރާލްޑްގެ ކެރެކްޓަރއަކީ އޭނާގެ ޕަރސަނަލްޓީއާ ވަރަށް ގުޅޭ ކެރެކްޓަރއެއްގެގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާއިރު، މި ގެނެއި ބަދަލުގެ ސަބަބުން ކުރިއަށްއޮތްތަނުގައި ސީރީޒަށް އޮންނާނެ މަޤުބޫލުކަމާމެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ލިއަމް އާއްމުކޮށް މީގެކުރިން ފެނިގެންގޮސްފައިވަނީ ލޯބީގެ ރޯލުތަކުންނެވެ. އެހެންކަމުން މިކަހަލަ ކެރެކްޓަރއަކަށް ތައްޔާރުވުން އޭނާއަށްވެސް ވާނީ ބޮޑު ގޮންޖެހުމަކަށްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ކެވިލް "ދަ ވިޗަރ" ދޫކޮށްލަން ނިންމިއިރު، އޭނަ ވަނީ ސުޕަރމޭންގެ ރޯލުން އަލުން އަންނަކަންވެސް ދާދިފަހުން އިޢުލާންކޮށްފައެވެ. އިނގިރޭސި އެކްޓަރު އެ ރޯލު ފުރަތަމަ ކުޅުނީ 2013 ވަނަ އަހަރު ދެއްކި "މޭން އޮފް ސްޓީލް" ގައެވެ.

ފެންޓަސީ ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން "ދަ ވިޗަރ" ގެ ފުރަތަމަ ސީޒަން 8 އެޕިސޯޑާ އެކު ގެނެސްދިނީ 2019 ގެ ޑިސެމްބަރު މަހު އެވެ. ދެވަނަ ސީޒަން އަންނަ ޑިސެމްބަރު 17 ގައި ގެނެސްދޭން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އާ ސީޒަނުގައި ވެސް 8 އެޕިސޯޑް ހިމެނޭނެ އެވެ.

ބޮޑު ކާސްޓެއް ވެސް ހިމެނޭ "ދަ ވިޗަރ" އަކީ ލޯރެން ޝްމިޓް ހިރިޝް އުފައްދާފައިފާ އެއްޗެކެވެ. މި ސީރީޒަކީ ޕޮލެންޑްގެ ލިޔުންތެރިޔާ އެންޑްރޭ ސަޕޯސްކީގެ "ދަ ވިޗަރ" ވާހަކައަށް ބިނާކޮށް ގެނެސްދޭ ސީރީޒެކެވެ.