ދުނިޔެ

ސޫރިޔާއަށް އެއްގަމު މަގުން ނުވަނުމަށް ރަޝިޔާއިން ގޮވާލައިފި


ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ބޭރުގެ ފަރާތަކުން އެއްގަމު މަގުން ވަދެގެންފިނަމަ އެކަމުގެ ނަތީޖާ ވަރަށް ގޯސްވާނެކަމުގެ އިންޒާރު ރަޝިޔާއިން ދީފިއެވެ. އެއްވެސް ޤައުމަކުން ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް އެއްގަމު މަގުން ވަދެގެންފިނަމަ އެތައް ޤައުމެއް ހިމެނޭ ފުޅާދާއިރާއެއްގެ ދިގުލީ ހަނގުރާމައަކަށް އެކަން ބަދަލުވެގެން ދާނެކަމަށް ރަޝިޔާގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވެއެވެ.މެޑްވެޑޭވް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އައިއެސް ޖަމާޢަތާ ހަނގުރާމަ ކުރުމަށް ކަމަށްބުނެ ސޫރިޔާއަށް އެއްގަމު ސިފައިންގެ ލަޝްކަރެއް ފޮނުވަން ތައްޔާރަށް އޮތްކަން ސަޢޫދީ އަރަބިޔާއިން ހާމަކުރުމާ ގުޅިގެންނެވެ. ސަޢޫދީ ސަރުކާރުން ބުނެފައިވަނީ އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމަށް ސޫރިޔާއަށް އެއްގަމު ސިފައިންގެ ލަޝްކަރެއް ފޮނުވަން ތައްޔާރަށް އޮތްކަމަށާއި، ނަމަވެސް މިލަޝްކަރު ފޮނުވޭނީ އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ ކޯލިޝަނުން އެކަން ބޭނުންވެގެން އެދިއްޖެ ހާލަތެއްގައި ކަމަށްވެސް ސަޢޫދީ ސަރުކާރުން ބުނެއެވެ. ސޫރިޔާގެ ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވެއްޖެނަމަ ބޭރުގެ ބައެއް ޤައުމުތައް ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެފާނެ ކަމުގެ އިންޒާރު އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވަނީ ދެއްވާފައެވެ. ކެރީގެ މި އިންޒާރަށް ރައްދު ދެއްވަމުން ރަޝިޔާގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ އެއްވެސް ފަރާތަކުން އަނެއް ފަރާތަށް ބިރުދެއްކުމުގެ ބޭނުމެއް ނެތްކަމަށާއި، ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް އެއްވެސް ފަރާތަކުން އެއްގަމު މަގުން ވަދެގަތުމަކީ އެ ހަނގުރާމަ ދިގުލައި، ފުޅާވެގެންދާނެ ކަމެއް ކަމަށް ދެކިލައްވާ ކަމަށެވެ. "ސޫރިޔާގެ ހަނގުރާމަ ދިގުދަންމަން ބޭނުންވާނަމަ އެއްގަމު މަގުން ވަންނަންވީ، ނަމަވެސް ބިރުދައްކަން މަސައްކަތް ކުރުމުގެ ބޭނުމެއް ނެތް، މިނިސްޓަރ ލާވްރޯވް ކަންކުރައްވާގޮތަށް އަހަރެމެން ބޭނުންވަނީ ސުލްޙައިގެ ވާހަކަތައް ކުރިޔަށްގެންދަން، އަރަބި ބައެއް ޤައުމުތަކާއި ގުޅިގެން އެއްގަމު މަގުން އަސްކަރީ އޮޕަރޭޝަން ކުރިޔަށް ގެންދަވަހަކަ ދައްކާކަށް ބޭނުމެއްނުވޭ، މިސުވާލަށް އަހަރެން ޖަވާބު ދީފިން، ނަމަވެސް މިވާހަކަ އަލުން ތަކުރާރުކޮށްލަން ބޭނުން، އެއްވެސް ފަރާތަކުން އައު ހަނގުރާމައެއް ބޭނުމެއްނުވޭ، ނަމަވެސް އެއްގަމުމަގުން ވަދެގެންފިނަމަ ފުޅާދާއިރާއެއްގެ ދިގުލީ ހަނގުރާމައެއް ފެށިގެންދާނެކަމާމެދު ވިސްނަންޖެހޭ."ދުނިޔޭގެ ބޮޑެތި ބާރުތަކުން މިދިޔަ ހުކުރުދުވަހު ޖަރުމަނުވިލާތުގެ މިޔުނިކްގައި ވަނީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ހަމަލާތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ. ވައިޓްހައުސްއިންވަނީ ރަޝިޔާއިން ދޭ ވައިގެ ޙަމަލާތައް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް އަމާޒުކުރާކަމަށް ތުހުމަތުކޮށް މިކަން ހުއްޓާލުމަށް ރައީސް ބަރަކް އޮބާމާ، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިންގެ އަރިހުން އެދިވަޑައިގެންފައިވާކަން ހާމަކޮށްފައިވެއެވެ. ކްރެމްލިން އިން ބުނީ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ޙަމަލާތައް ހަފްތާއެއްގެ ތެރޭގައި ހުއްޓުވުމަށް މަސައްކަތް ކުރުމަށް ބޮޑެތި ބާރުތަކުން މިދިޔަ ހުކުރު ދުވަހު މިޔުނިކްގައި އެއްބަސްވި އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި އެއްބާރުލުން ދިނުމަށް އޮބާމާއާއި ޕޫޓިން އެއްބަސްވެ ވަޑައިގެންނެވި ކަމަށެވެ. މިގޮތަށް އެއްބަސްވި ނަމަވެސް ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާޢަތާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކާއި ދެކޮޅަށް ދޭ ހަމަލާތައް ހުއްޓާނުލާނެކަމަށް ރަޝިޔާއިން ބުނެއެވެ. ސޫރިޔާގެ މައްސަލާގައި އޮބާމާއާއި ޕޫޓިން މިދިޔަ އާދީއްތަ ދުވަހު ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.