ޚަބަރު

2019ވަނަ އަހަރަށްފަހު ބާއްވާ ޢަރަބި ލީގުގެ ފުރަތަމަ ބައްދަލުވުމުގެ ތައްޔާރީތައް


2019ވަނަ އަހަރަށް ފަހު ބާއްވާ ޢަރަބި ލީގުގެ ޤައުމުތަކުގެ ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޢަރަބި ޤައުމުތަކުގެ އިސްވެރިން އަލްޖީރިޔާއަށް ވަޑައިގަންނަވަމުން އެބަގެންދަވައެވެ. މިއީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ފަސްކޮށްފައި އޮތުމަށް ފަހު ޢަރަބި ލީގުގެ ބައްދަލުވުމެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުން ބޭއްވުމަށް ތައްޔާރުވަމުން މި ދަނީ، ޢަރަބިންގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެންމެ ބޮޑު އެއް މައްސަލައަކީ ޔަހޫދީންގެ ދަޢުލަތް ކަމުގައިވާ އިސްރާޢީލުން ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކޮށްފައި އޮތް އޮތުމެވެ. ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ކަމުގެ މައްސަލައަކީ ގިނަ ޢަރަބި ޤައުމުތަކުން އެއްގަލަކަށް އަރާ މަދު ކަންކަމުގެ ތެރެއިން އެއް ކަންތަކެވެ.

ޢަރަބި ލީގުގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައި ވަނީ 2019ވަނަ އަހަރުއެވެ. އޭގެ ފަހުން، ބައެއް ޢަރަބި ޤައުމުތަކުން ވަނީ ޔަހޫދީންގެ ދަޢުލަތާ އެކު ގުޅުން ޤާއިމު ކޮށްފައެވެ. ޔަހޫދީންނާއި ޢަރަބި ޤައުމުތަކާ ދެމެދު ގުޅުންތައް ބަދަހި ކުރަން ފަށާފައި ވަނީ އެމެރިކާއިން އެކަމުގެ އަޑީގައި އޮވެގެންނެވެ.

ޔަހޫދީންނާ ގުޅުހުން ބަދަހި ކުރުމަށް އެއްބަސްވުންތައް އެކުލަވައިލާފައިވާ ބައެއް ޤައުމުތަކުގެ ތެރޭގައި މިޞްރާއި، ޢުރުދުނާއި، އެކުވެރި ޢަރަބި ޢިމާރާތް ހިމެނެއެވެ. މީގެ އިތުރުން ބަޙުރައިނާއި މަޣުރިބު ކަރައިން ވެސް ވަނީ ޔަހޫދީންނާ އެކު ގުޅުން ބަދަހި ކުރަން ނިންމާފައެވެ.

ނަމަވެސް، މި އަހަރު ޢަރަބި ލީގުގެ ބައްދަލުވުން ބާއްވާ އަލްޖީރިޔާއަކީ ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމުގައި ދެމި އޮތް ޤައުމެކެވެ. ހުސްވި އޮކްޓޫބަރު މަހުގެ ތެރޭގައި އަލްޖީރިޔާއިން ވަނީ ފަލަސްޠީނުގެ މައި ދެ ފެކްޝަން ކަމުގައިވާ ފަތަޙައާއި ހަމާސް ޖަމާޢަތް ސުލްޙަކުރުވަން މަޝްވަރާތަކެއް ވިލަރެސް ކޮށްފައެވެ.

ޢަރަބި ލީގަކީ 22 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެކެވެ. އަލްޖީރިޔާގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލްސީސީއާއި، ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާހާއި، ޓޫނީޝިޔާގެ ރައީސް ކައިސް ސަޢީދާއި، ޤަޠަރުގެ އަމީރު ޝައިޚް ޘަމީމް ބިން ޙާމިދު އަލްޘާނީ ވަނީ އެ ޤައުމަށް ވަޑައިގަންނަވާފައެވެ.

ނަމަވެސް، ޢަރަބި ޤައުމުތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް މުހިންމު ޤައުމުތަކުގެ ލީޑަރުން މި އަހަރުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވައެވެ. މީގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނާއި، މަޣުރިބު ކަރައިގެ ރަސްގެދާނު މުޙައްމަދު ހަވަނަ ހިމެނި ވަޑައިގަންނަވައެވެ. މީގެ އިތުރުން އެކުވެރި ޢަރަބި ޢިމާރާތާއި ބަޙުރައިންގެ ލީޑަރުން ވެސް އަލްޖީރިއާއަށް ވަޑައިގަންނަވާފައެއް ނުވެއެވެ.