ޚަބަރު

ގިނަ ބައެއްގެ ޝައުގުވެރިކަން ހޯދި ދަރުސްތަކެއް ދެއްވުމަށްފަހު މުފްތީ މެންކް ފުރާވަޑައިގަންނަވައިފި


މުޖްތަމަޢުގައި ހުރި މުހިއްމު މައްސަލަތަކަކަށް ޢިލްމީ ދަރުސްތަކެއް ދެއްވުމަށްފަހު މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިސްމާޢީލް މޫސާ މެންކް ފުރާވަޑައިގަންނަވައިފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޚާއްސަ ދަޢުވަތަކަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާޢިލް މެންކް ރާއްޖެއަށް ވަޑައިގަތީ، އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގައެވެ.

6 ދުވަހުގެ ދަތުރު ނިންމަވާލެއްވުމަށްފަހު މުފްތީ މެންކް ރާއްޖެއިން ވަޑައިގަތީ، ކާމިޔާބު އެތައް ދަރުހެއް ދެއްވާފައެވެ. މިގޮތުން މުޖުތަމަޢުގައި ހުރި އިޖުތިމާޢީ އެތައް މައްސަލަތަކަކަށް އަލިއަޅުއްވާލައްވާ މާލެއާއި ހުޅުމާލެ އަދި އައްޑުއާއި ފުވައްމުލަކުގައި ވަނީ ދަރުސްދެއްވާފައެވެ.

މުފްތީގެ ދަތުރު ނިންމަވާލެއްވުމުގެ ކުރިން ވަނީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގެ ތެރެއިން އިސްލާމިކް މިނިސްޓަރ ވަނީ ދަޢުވަތު ޤަބޫލުކުރައްވާ ވަޑައިގެން ދެއްވި ތަޤުރީރުތަކަށްޓަކައި މުފްތީ މެންކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު ބޭފުޅަކަށް މުފްތީ މެންކް ވާކަން ފާހަގަކުރައްވާ، އަވަސް މުސްތަޤުބަލެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ދަޢުވަތު ދެއްވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މިފަހަރު ދެއްވި ދަރުސްތަކަކީވެސް ރާއްޖެއަށް ވަރަށް މުހިއްމު މައުޟޫތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މެންކު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއަށް އައުމަށް ދަޢުވަތު ދެއްވީތީ ވަރަށް އުފާ ކުރައްވާކަމަށެވެ. އަދި ރާއްޖެއަށް އައުމުން ބެހެއްޓެވި ގާތްކަމާއި ދެއްވި މެހުމާންދާރީއަށްޓަކައި މުފްތީ މެންކްވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ކުރައްވަމުންގެންދަވާ މަސައްކަތްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މުފްތީގެ މިދަތުރުގެތެރެއިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވާފައެވެ. އަދި މާލެއާއި އައްޑޫ އަދި ފުވައްމުލައް ސިޓީގެ ސާނަވީ ގްރޭޑުތަކުގެ ދަރިވަރުންނާއި އަދި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނާއި ރާއްޖޭގައި ޙަރަކާތްތެރިވާ ދީނީ ޢިލްމުވެރިންނާއިވެސް މުފްތީ މެންކް ވަނީ ބައްދަލުކުރައްވާފައެވެ.