ޚަބަރު

އިންޑިޔާގައި ބުރިޖު ވެއްޓުނު ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް


އިންޑިޔާގެ ހުޅަނގުގައި އޮންނަ ގުޖަރާތް ސްޓޭޓްގެ ރަށެއް ކަމުގައިވާ މޯރްބީގައި ސަސްޕެންޝަން ބުރިޖެއް ކަނޑައިގެން ދިޔަ ހާދިސާގައި ކޯރަށް ވެއްޓި ގެއްލުނު މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. މައްޗޫ ކޯރު ހުރަސް ކުރެވެން އޮންނަ މި ބުރިޖު ކަނޑައިގެން ދިޔަ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 134އަށް އަރާފައެވެ.

ވެއްޓިފައި ވަނީ 150 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބުރިޖެކެވެ. ބުރިޖު ވެއްޓިފައި ވަނީ މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވާލިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މި ހާދިސާ ހިނގި ވަގުތު 200އަށްވުރެ ގިނަ މީހުން ބުރިޖު މަތީގައި ތިބި ކަމުގައި ގުޖަރާތްގެ އޮފިޝަލުން ބުނެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 47 ކުޑަކުދިން ހިމެނެއެވެ.

މި ހާދިސާ ހިނގާފައި ވަނީ ހިންދޫން ފާހަގަ ކުރާ ދިވާލީ ފެސްޓިވަލުގެ އިޙުތިފާލުތަކެއްގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު އެ ސަރަޙައްދަށް ޖަމާވެފައިވާ ވަގުތެއްގައެވެ. ބުރިޖުން ކޯރަށް ވެއްޓުނު މީހުންގެ ހަށިތައް ހޯދުމަށް ޑައިވަރުންގެ ޓީމުތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ބުރިޖުގެ ވާތައް ކަނޑައިގެން ދާން މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރު ވަނީ ތަހުޤީޤު ކުރަން ފަށާފައެވެ. އަދި، މި ހާދިސާއާ ގުޅިގެން މިހާތަނަށް ނުވަ މީހަކު ހައްޔަރު ކޮށްފައިވާ ކަމުގައި ގުޖަރާތުގެ ފުލުހުން ބުނެއެވެ. މި އެންމެން ވެސް ހައްޔަރު ކޮށްފައި ވަނީ މަރުތަކާ ގުޅުވައިގެންނެވެ. އަދި، އެ މީހުންނާ ދެކޮޅަށް ބަޔަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާނެ ކަމަށް ބެލެވެއެވެ.

ވެއްޓުނު ބުރިޖަކީ 19ވަނަ ޤަރުނުގައި އިނގިރޭސީން އިންޑިޔާގައި ވެރިކަން ކުރި ޒަމާނުގައި ހަދާފައިވާ 230 މީޓަރު ދިގު ބުރިޖެކެވެ. އިނގިރޭސި ވިލާތުން ތަކެތި ގެނެސްގެން ހަދާފައިވާ މި ބުރިޖު އެންމެ ފުރަތަމަ ހުޅުވާފައި ވަނީ 1880ވަނަ އަހަރުއެވެ. މަރާމާތު ކުރުމަށް ހަ މަސް ދުވަހަށް ބުރިޖު ބަންދު ކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައިލާފައި ވަނީ ހުސްވި ހަފުތާގައެވެ.

މަރާމާތު ކުރުމަށް ފަހު ބުރިޖު އަލުން ޢާންމުންނަށް ހުޅުވައިލާފައި ވަނީ، އެ ތަނުގެ ރައްކާތެރި ކަން ކަށަވަރު ކުރުމަށް ބަލަން ޖެހޭ ބެލުންތައް ބަލައި ހުއްދަ ދިނުމުގެ ކުރިން ކަމުގައި މޯރްބީގެ ޗީފް އޮފިސަރ ސަންދީޕްސިންހް ޖާލާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ބުރިޖުގެ މަރާމާތުތައް ކުރި ކުންފުނީގެ ދެ މެޖޭޖަރަކާއި، ދެ ސަބް-ކޮންޓްރެކްޓަރުންނާއި، ބުރިޖަށް އެރުމަށް ޓިކެޓު ދޫކުރުމުގެ މަސައްކަތް ކުރި ދެ މީހަކު ހިމެނެއެވެ. އަދި، އެ ވަގުތު އެ ތަނުގައި ހަރަކާތްތެރިވަމުން ދިޔަ ތިން ސެކިޔުރިޓީ ގާޑުން ވެސް ހިމެނެއެވެ.