ޚަބަރު

ރަޝިޔާއިން ބޮން އަޅައި ކީވްގެ ބޮޑު ސަރަޙައްދަކުން ކަރަންޓާއި ފެން ކަނޑާލައިފި


ރަޝިޔާއިން ޔޫކްރެއިނުގެ ވެރިރަށް ކީވްއަށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެން އެ ރަށުގެ ބޮޑު ސަރަޙައްދަކުން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިއްޖެއެވެ. އޮކްޓޫބަރު 10އާއި 17ވަނަ ދުވަހު ވެސް ރަޝިޔާއިން ކީވްއަށް ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ.

ރަޝިޔާގެ ފައުޖުތަކުން ކީވްއަށް ހަމަލާދޭން ފަށާފައި މި ވަނީ، ބްލެކް ސީގައި ހަރަކާތްތެރިވާ ރަޝިޔާގެ މަނަވަރުތަކަށް ޑްރޯން ހަމަލާތަކެއް ދީފައި ވަނީ ޔޫކްރެއިން ކަމަށް ރަޝިޔާއިން ތުހުމަތު ކުރިތާ އެއް ދުވަސް ފަހުންނެވެ. މަނަވަރުތަކަށް ދިން ހަމަލާތަކާ ގުޅިގެން ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރުމުގެ ފުރުޞަތު ދިނުމަށް ހަދާފައިވާ އެއްބަސްވުމުން ރަޝިޔާ ވަނީ ވަކިވާން ނިންމާފައެވެ.

މި ކަމާ ގުޅިގެން ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރުމަށް ހުރަސް އެޅިފައިވާ ކަމުގައި އެ ޤައުމުގެ ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު އޮލެކްޒެންޑަރ ކުބްރަކޯފް ވިދާޅުވިއެވެ. "40 ޓަނުގެ ގޮވާން ބަރުކޮށްފައި އޮތް ބޯޓެއް މިހާރު ވެސް ނުފުރިފައި އެބައޮތް. އެ ބޯޓު ދަތުރު ކުރަން ހަމަޖެހިފައި އޮތީ އިތިއޯޕިޔާއަށް. އެ ޤައުމުގައި ކާބޯތަކެއްޗަށް ޖެހިފައިވާ އެތަކެއް މިލިޔަން ބަޔަކު އެބަތިބި. ނަމަވެސް، އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ރަޝިޔާއިން މި ވަނީ ހުރަސް އަޅާފައި،" އޭނާ ވިދާޅުވިއެވެ.

ޖުލައި މަހު ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން، ޔޫކްރެއިނުން ފުރާ ބޯޓުފަހަރު ތުރުކީ ވިލާތުގައި ބަނދަރުކޮށް، ބަލައިފާސްކުރަން ޖެހެއެވެ. މި އެއްބަސްވުމުގެ ދަށުން 9 މިލިޔަން ޓަނުގެ ގޮވާމުގެ ބާވަތްތައް ޔޫކްރެއިނުން މިހާތަނަށް އެކްސްޕޯޓް ކޮށްފައިވެއެވެ.

އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލުމުގެ ގޮތުން ތުރުކީ ވިލާތުގެ ބަނދަރުތަކުގައި މަސައްކަތް ކުރާ ރަޝިޔާގެ އިންސްޕެކްޓަރުން ވެސް ވަނީ މަސައްކަތް ހުއްޓައިލާފައެވެ. މި ކަމާ ގުޅިގެން، ގޮވާން ބަރުކޮށްފައިވާ 97 އުޅަނދު ތުރުކީ ވިލާތުގައި ނުފުރި ތާށިވެފައިވާ ކަމުގައި ތުރުކީ ވިލާތުން ބުނެއެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ ރަޝިޔާގެ ނިންމުމާ ގުޅިގެން 2 މިލިޔަން ޓަނުގެ ކާބޯތަކެތި ކަނޑުމަތީގައި ތާށިވެފައިވާ ކަމުގައެވެ. އަދި، މި ނިންމުމުގެ ސަބަބުން އެފްރިކާއާއި އޭޝިޔާ ބައްރުގައި ކާބޯތަކެއްޗަށް ޖެހިފައިވާ އެތައް މިލިޔަން ބަޔަކަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމަށް ރަޝިޔާއިން ހުރަސް އެޅުމުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ އެ ޤައުމަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ރަޝިޔާގެ ނިންމުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމުގައި ވިދާޅުވެފައެވެ. އެ ޤައުމުގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވަނީ، ކާބޯތަކެއްޗަކީ ހަތިޔާރަކަށް ހަދަން ރަޝިޔާއިން މަސައްކަތް ކުރަމުންދާ ކަމުގައި ތުހުމަތު ކުރައްވާފައެވެ.

އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވެސް ވަނީ ރަޝިޔާގެ ނިންމުމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި، ވިލާތުގެ އިއްތިހާދުން ވެސް ވަނީ ރަޝިޔާގެ ނިންމުން ބަދަލުކޮށް، އެއްބަސްވުމަށް އަލުން ރުޖޫޢަވުމަށް އެ ޤައުމަށް ގޮވައިލާފައެވެ.

ރަޝިޔާއިން ވަނީ އެ ޤައުމުގެ މަނަވަރުތަކަށް ދިން ހަމަލާތަކާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކޮށްފައެވެ. ހަމަލާތައް ދިނުމަށް ބޭނުން ކޮށްފައިވާ ޑްރޯންތަކުގެ ބައެއް މޮޑިޔުލްތަކަކީ ކެނެޑާގައި އުފައްދާފައިވާ ތަކެތި ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ. އަދި، މަނަވަރުތަކަށް ހަމަލާ ދީފައި ވަނީ، ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުގެ ތެރެއިން މަނަވަރުތައް ދަތުރު ކުރަމުން ދަނިކޮށް ކަމުގައި ވެސް އެ ޤައުމުން ތުހުމަތު ކުރެއެވެ.