ކުޅިވަރު

ސުއަރޭޒްގެ ހެޓްރިކާއެކު ބާސާއަށް ފަސޭހަ މޮޅެއް


ލުއިސް ސުއަރޭޒްގެ ހެޓްރިކާއެކު ސެލްތަވީގޯގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައި، ޗެމްޕިއަން ބާސެލޯނާއިން ތިން ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ސްޕެނިޝް ލަލީގާ ތާވަލްގެ އެއްވަނައިގައި ބާސެލޯނާ ތިން ޕޮއިންޓްގެ ލީޑެއް ނެގީ 6-1 ން ސެލްތަވީގޯގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗުގައި ސެލްތަވީގޯގެ ގޯލް ހުޅުވާލަދިނީ ކެޕްޓަން މެސީއެވެ. ނަމަވެސް އޭގެ 10 މިނިޓް ފަހުން ސެލްތަވީގޯއަށް ލިބުނު ޕެނަލްޓީއަކުން ގުއިޑެއްޓީ ނަތީޖާ ހަމަހަމަކޮށްދިނެވެ. ފުރަތަމަ ހާފް ނިމުނީ ހަމަހަމަ ނަތީޖާގައި އޮވެއެވެ. ބާސާގެ ފެންވަރު ދައްކާލީ ދެވަނަ ހާފްގައެވެ. ލުއިސް ސުއަރޭޒް ތިން ލަނޑު ޖަހާ ހެޓްރިކް ފުރިހަމަކުރިއެވެ. ސުއަރޭޒް ހެޓްރިކް ފުރިހަމަ ކުރީ ލިބުނު ޕެނަލްޓީއެއް މެސީ އޭރިއާ ތެރެއަށް ވަންނަން ހުރި ސުއަރޭޒްއަށް ޖައްސާލުމުންނެވެ. ޕެނަލްޓީ މެސީ ގޯލްގެ ތެރެއަށް ފޮނުވާލިނަމަ ލީގުގައި މެސީ ޖެހި ލަނޑުގެ އަދަދު 300 އަށް އަރާނެއެވެ. ނަމަވެސް މެސީ ގޯލް ނުޖަހާ ސުއަރޭޒްއަށް ދިނުމުން މެސީގެ އަމިއްލަ އެދެން ނެތްކަން ދައްކުވައިދީފިކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އަނެއް ދެ ލަނޑު ޖެހީ ރަކިޓިޗްއާއި ނޭމަރއެވެ. މިމޮޅާއެކު ލީގު ތާވަލްގެ އެއްވަނައިގައި ބާސާއަށް ތިން ޕޮއިންޓްގެ ލީޑެއް ލިބިފައިވަނީ އެއް މެޗު މަދުން ކުޅެގެންނެވެ. މިމޮޅާއެކު ބަލިނުވެ ބާސާ ފުރިހަމަ ކުރި މެޗުގެ އަދަދު ވަނީ 29 އަށް އަރާފައެވެ.