ޚަބަރު

ޔަހޫދީންގެ އިންތިޚާބާއެކު ސުލްޙައަށް ހުރަސް އެޅޭނެ: ޝުޠައްޔާ


ޔަހޫދީންގެ ދަޢުލަތް ކަމުގައިވާ އިސްރާޢީލުގެ ޢާންމު އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު، އިންތިޚާބުގެ ނަތީޖާއާ އެކު ފަލަސްޠީނާއި އިސްރާޢީލު ސުލްޙަކުރަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައި ފަލަސްޠީނުގެ ބޮޑުވަޒީރު މުޙައްމަދު ޝުޠައްޔާ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ރާމަاللهގައި ބޭއްވި ފަލަސްޠީނުގެ ކެބިނެޓު މިނިސްޓަރުންގެ ބައްދަލުވުމެއްގައެވެ.

އިސްރާޢީލުގެ ޢާންމު އިންތިޚާބުގައި ވާދަކުރާ ޕާޓީތަކާއި ކެނޑިޑޭޓުންނަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝުޠައްޔާ ވިދާޅުވީ، މި އިންތިޚާބުގައި ފަލަސްޠީނާއި އިސްރާޢީލު ސުލްޙަކުރަން އިސްކަންދޭ ފަރާތަކުން ކާމިޔާބީ ހޯދުމުގެ ފުރުޞަތު ކުޑަ ކަމުގައެވެ. އަދި، ޔަހޫދީންގެ ދަޢުލަތް ހިންގުމާ ދެން ހަވާލު ވާނީ ސުލްޙައަށް އިސްކަންދޭ ބަޔަކަށް ނުވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޔަހޫދީންގެ ޢާންމު އިންތިޚާބު ބާއްވަމުންދާ މި ދަނޑިވަޅަކީ، ފަލަސްޠީނުގެ ރައްޔިތުންނަށް ނުރައްކާތެރި ދުވަސްވަރެކެވެ. ޔަހޫދީ އިސްރާޢީލުގެ ސިފައިން ކޮންމެ ދުވަހަކު ވެސް ވަނީ އެ މީހުން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަށް އަރައި އުދުވާންތައް ހިންގަމުންނެވެ. ލާއިންސާނީ އަމަލުތައް އިތުރު ކުރަމުންނެވެ.

މި އަހަރުގެ މާރިޗު މަހުން ފެށިގެން މިހާތަނަށް ޔަހޫދީންގެ ސިފައިން ވަނީ ހުޅަނގު އައްސޭރީގައި 2,000އަށްވުރެ ގިނަ ރޭޑު ހިންގާފައެވެ. މި ރޭޑުތަކުގައި އެ މީހުން ދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ފުރައްސާރަކޮށް، އެ މީހުންނާ ކުރިމަތިލަމުންނެވެ. އަދި، ބާރުގެ ބޭނުންކޮށް، އެ މީހުންގެ މައްޗަށް އިސްތިއުމާރީ ބާރު ހިންގަމުންނެވެ.

ޔަހޫދީ ސިފައިން މި އަހަރުގެ ތެރޭގައި ދީފައިވާ ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު ވަނީ 120އަށްވުރެ މައްޗަށް އަރާފައެވެ. އަދި، އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލާފައެވެ. ގިނައީ، ފަލަސްޠީނުގެ ކުށެއް ނެތް ޢާންމުންނާއި ކުޑަކުދިންނެވެ. މިއީ، 2015ވަނަ އަހަރަށް ފަހު ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އަދި ބިރުވެރި އަހަރެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އިސްރާޢީލުގައި ބާއްވާ ހަތަރުވަނަ ޢާންމު އިންތިޚާބާ ގުޅުފައި ޔަހުދީންގެ ސިފައިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. މީގެ މާނައަކީ، ފަލަސްޠީނުގެ ރައްޔިތުން، އެ މީހުންގެ ގެދޮރާއި، ރެފިޔުޖީ ކޭމްޕުތަކުގައި ބަންދު ކުރުމެވެ. އަދި، ޗެކްޕޮއިންޓްތައް އަޅައި، ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ ފުރައްސާރަ އިތުރު ކުރުމެވެ.