ޚަބަރު

ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގައި ގޮވާން އުފުލާ ބޯޓެއް ބޭނުން ކުރި: ރަޝިޔާ


ރަޝިޔާގެ އަސްކަރީ މަނަވަރުތަކަށް އަމާޒުކޮށް ދާދި ފަހުން ޑްރޯން ހަމަލާތަކެއް ދިނުމަށް، ޔޫކްރެއިނުން ގޮވާން ބަރުކޮށްގެން ދަތުރު ކުރާ އާގުބޯޓެއް ބޭނުން ކޮށްފައިވާ ކަމުގައި ރަޝިޔާއިން ތުހުމަތު ކޮށްފިއެވެ. ބްލެކް ސީގައި ހަރަކާތްތެރިވާ ރަޝިޔާގެ މަނަވަރުތަކަށް އަމާޒު ކޮށް ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން، ރަޝިޔާއިން ވަނީ ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރުމުގެ ފުރުޞަތު ދިނުމަށް ހަދާފައިވާ އެއްބަސްވުމުން ވަކިވެފައެވެ.

އެ ހަމަލާތައް ދިނުމުގައި ގޮވާން އެކްސްޕޯޓު ކުރާ އާގުބޯޓުތައް ބޭނުން ކޮށްފައިވާ ކަމުގައި ރަޝިޔާއިން ކުރާ ތުހުމަތުތައް އ.ދ.އިން ދޮގު ކުރެއެވެ. އ.ދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އ.ދ.ގެ އިންސާނިއްޔަތާ ބެހޭ އިދާރާގެ އިސްވެރިޔާ މާރޓިން ގްރިފިތްސް ވަނީ ރަޝިޔާޣެ ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ.

ރަޝިޔާގެ މަނަވަރުތަކަށް ހަމަލާދިން ވަގުތު، އެ ސަރަޙައްދުގައި އެއްވެސް އާގުބޯޓެއް ހަރަކާތްތެރިވެފައި ނުވާ ކަމަށާއި، އެ ސަރަޙައްދުން އެ ފަދަ ބޯޓެއް ދަތުރު ކޮށްފައި ނުވާ ކަމުގައި ގްރިފިތްސް ވިދާޅުވިއެވެ. އަދި، އެ ފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ އެއްވެސް ރިޕޯޓެއް އެއްވެސް ބޯޓަކުން ކޮށްފައި ނުވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާއިން ބުނީ އެ ޤައުމުގެ މަނަވަރުތަކަށް ޔޫކްރެއިނުން ޑްރޯން ހަމަލާތަކެއް ދީފައި ވަނީ ގޮވާން ބަރުކޮށްގެން ދަތުރުކުރާ މަގުން ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ. އަދި، އެއީ ހަތިޔާރު ގެންގުޅުމާއި ބޭނުން ކުރުން މަނާ ކޮށްފައިވާ ސަރަޙައްދެއް ކަމުގައި ވެސް ރަޝިޔާއިން ބުންޏެވެ.

މި ހަމަލާގައި ބޭނުން ކޮށްފައިވާ ޑްރޯންތަކުގެ ބައިތައް ކަނޑުން ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން އެއް ޑްރޯން އުދުއްސައިލާފައި ވަނީ ގޮވާން ބަރުކޮށްގެން ދަތުރު ކުރާ އާގުބޯޓަކުން ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. ރަޝިޔާއިން ވަނީ މި ތުހުމަތުތައް އ.ދ.ގެ ސަލާމަތީ މަޖިލީހަށް ވެސް ހުށަހަޅާފައެވެ.

ޔޫކްރެއިނުގެ ބަނދަރުތަކުން ގޮވާން އެކްސްޕޯޓު ކުރުމަށް ހަދާފައިވާ އެއްބަސްވުމުން ވަކިވާން ރަޝިޔާއިން ނިންމާފައި ވީ ނަމަވެސް، އާގުބޯޓުތަކުގެ ދަތުރުތައް އަދި ހުއްޓައިލާފައެއް ނުވެއެވެ. އ.ދ.އިން އިސްވެ އޮވެ، މި ފަދަ އެއްބަސްވުމެއް ހަދާފައި ވަނީ ދުނިޔޭގެ ބާޒާރުގައި ގޮވާމުގެ ބާވަތްތަކުގެ އަގުތައް އުފުލި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަކެއް މިލިޔަން ބަޔަކަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހުމާ ގުޅިގެންނެވެ.

މަނަވަރުތަކަށް ދިން ހަމަލާއާ ގުޅިގެން ރަޝިޔާއިން ވަނީ، ގޮވާން ބަރުކޮށްގެން ދަތުރު ކުރާ އުޅަނދުތައް ބަލައިފާސް ކުރުމަށް ނިންމާފައެވެ. އަދި، ރަޝިޔާގެ ބައިވެރިވުމާ ނުލައި އެ އެއްބަސްވުން ތަންފީޒު ކުރުމަށް ހުރަސް އެޅޭނެ ކަމުގައި ވެސް ރަޝިޔާއިން ޤަބޫލު ކުރެއެވެ.