ދީން

މުސާރައިން ކެނޑޭގޮތަށް ހައްޖަށްދެވޭ ޕްރޮގްރާމްގެ މަޢުލޫމާތުދިނުން


ޙައްޖަށް ދާން މުއައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވަކި ވަރަކަށް ކެނޑޭގޮތަށް، ފައިސާ ދައްކާ ސްކީމްއާއި ބެހޭ މައުލޫމާތު ދިނުން މިހަފްތާގައި އަތޮޅުތަކުގައި ފަށާނެކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. މި މައުލޫމާތު ފުރަތަމަ ދޭން ހަމަޖައްސާފައިވަނީ ހއ.ގެ ރަށްތަކަށެވެ. މި ސްކީމްގައި މިހާތަނަށް ސަރުކާރު ޙިއްޞާވާ ދެކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ އިތުރަށް ސްކީމްގައި ބައިވެރިވުމުގެ ފުރުޞަތު އަމިއްލަ ފަރުދުންނަށްވެސް ވަނީ ހުޅުވާލައްވާފައެވެ. ވަޒީފާތަކުގައި އުޅޭ މީހުންގެ މުސާރައިން ކޮންމެ މަހަކު ވަކި ވަރެއް، ޙައްޖަށް ދިއުމަށްޓަކައި ދައްކަމުންދާ އުޞޫލުން، މީހުން ޙައްޖަށް ގެންގޮސްދިނުމުގެ ސްކީމް ފެށީ ނިމިގެންދިޔަ 2015 ވަނަ އަހަރުއެވެ. ޙައްޖު ކޯޕަރޭޝަނުން ހާމަކުރާއްވާ ގޮތުގައި އަތޮޅުތަކުގެ މީހުންނަށް މި މަޢުލޫމާތު ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތަކަށް އެ ކުންފުނިން މިހާރު ވަނީ ތައްޔާރުވެފައެވެ. ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ މިފަދަ ސްކީމެއްގެ އެންމެ ބޮޑު ބޭނުމަކީ ވީހާ ގިނަ އަދަދެއްގެ ޒުވާނުންނަށް، ޙައްޖާއި، އުމްރާއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދެއްވުން ކަމަށެވެ. މި ސްކީމްގައި ބައިވެރިވުމުން ކޮންމެ މަހަކު މަދު ފައިސާކޮޅެއް ޖަމާކޮށްލައްވައިގެން ފަސް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޙައްޖަށް ދެވޭ މިންވަރަށް ފައިސާ ދައްކައި ޚަލާސްކުރެވޭނެ ކަމަށް އެކޯޕަރެޝަނުން މައުލޫމަތު ދެއްވައެވެ.ސްކީމްގައި ބައިވެރިވުމަށް އެ މީހެއްގެ ޙައްޖު އެކައުންޓަށް ޖަމާކުރުމަށްޓަކައި މުސާރައިން ކަނޑާނެ މިންވަރެއް ނިންމާނީ އެ މުވައްޒަފަކު އަމިއްލައަށެވެ. އަދި އެމީހަކު ޖަމާކުރުމަށް ބޭނުންވާ އަދަދު އިތުރުކުރުމާއި އުނިކުރުމުގެ ފުރުޞަތުވެސް އެމީހަކަށް ލިބިގެންވާކަމަށް ޙައްޖުކޯރޕަރޭޝަނުން ބުނެއެވެ. މި ސްކީމްގައި ބައިވެރިވުމުން އެ މީހަކު ވަޒީފާ އަދާކުރާ އިދާރާއަކުން އުފުލަންޖެހޭ އެއްވެސް ބުރައެއް ނޯންނާނެ ކަމަށާއި މުވައްޒަފު ވަޒީފާއިން ކެނޑުނަސް އެ އިދާރާއަކުން އިތުރު އެއްވެސް އެއްޗެއް ދައްކަންވެސް ނުޖެހޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ. އަދި އެ މުވައްޒަފަކު އެހެން ތަނަކަށް ވަޒީފާ ބަދަލުކޮށްގެން އަނެއްކާވެސް މުސާރައިން ކަނޑަން ބޭނުންވެއްޖެއްޔާ މެދުނުކެނޑި ކުރިއަށް ގެންދެވޭނެކަމަށްވެސް ޔާމީން އިދުރީސް ވިދާޅުވިއެވެ.ހައްޖު ކޯރޕަރޭޝަނުން ހާމަކުރައްވާ ގޮތުގައި ކިތަންމެ މަދު އަދަދަކަށް މުވައްޒަފުން ތިބި ކުންފުންޏަކަށްވެސް ސްކީމްގައި ބައިވެރިވެވިދާނެއެވެ. އަދި މި ސްކީމްގައި ބައިވެރިވާން ރާއްޖޭގެ ބައެއް ރިސޯޓްތަކުންވެސް ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށް އެކޯޕަރޭޝަނުން މައުލުމާތު ދެއްވައެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވީ ސްކީމަށް ފައިސާ ޖަމާކުރައްވަމުން ގޮސް ހައްޖަށް ކަނޑައަޅިފައިވާ އަގުގެ 75 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ފައިސާ ޖަމާކުރެއްވުމުން އެންމެ އަވަހަށް ޖާގަލިބޭ އަހަރެއްގެ ޖާގަ ކަށަވަރު ވެގެންދާނެކަމަށެވެ.  ސްކީމްގައި ބައިވެރިވެފައިވާ ފަރާތަކަށް ހައްޖު ނުވަތަ އުމްރާއަށް ނުދެވޭ ހަލާތެއް މެދުވެރިވެއްޖެނަމަ ބަދަލުގައި އެހެން މީހަކު ފޮނުވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެމީހަކު ބޮޑު ބައްޔަކަށް ބޭސްކުރަން ޖެހިއްޖެނަމަވެސް ސްކީމަށް ޖަމާކޮށްފައިވާ ފައިސާ ދޭނެކަމަށް ހައްޖު ކޯރޕަރޭޝަނުން ބުނެއެވެ. އަދި މުސާރައިން އުނިކުރާ ފައިސާ ޖަމާވާނީ ހައްޖު ކޯޕަރޭޝަންގައި އެމީހެއްގެ ނަމުގައި އޮންނަ ސޭވިން ސްކީމްގެ އެކައުންޓަކަށް ކަމަށްވެސް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. ހައްޖު ކޯޕަރޭޝަނުން މިހާރުވެސް ވަނީ ރާއްޖޭގެ ތެލުގެ ވިޔަފާރީގައި އިންވެސްޓް ކޮށްފައެވެ. އެ ކުންފުނިން ކުރިމަގުގައިވެސް އިންވެސްޓް ކުރާނީ އިސްލާމީ ޝަރީޢާ ހުއްދަކުރާ ވިޔަފާރިތަކަށް ކަމަށް ހައްޖު ކޯރޕަރޭޝަނުން ހާމަކުރައްވައެވެ. މިހާރު ހައްޖަށް ދާން ބޮލަކަށް ހޭދަވާ އަގެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 69،000 ރުފިޔާއެވެ.