ޚަބަރު

ފިނި މޫސުމާއި ދިމާކޮށް އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


މިއަހަރުގެވެސް ފިނި މޫސުމާއި ދިމާކޮށް ފްރާންސްގެ ޤައުމީ އެއަރލައިން، އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

އެއަރ ފްރާންސްގެ މިދަތުރުތައް ކުރަނީ ފްރާންސްގެ ވެރިރަށް ޕެރިހުގެ ޗާލްސް ދުގުލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

އެމްއޭސީއެލްއިން ބުނީ އެއަރ ފްރާންސުން ހަފްތާއަކު 3 ދަތުރު ރާއްޖެއަށް ބާއްވާނެކަމަށެވެ. މި ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 276 ފަސިންޖަރުންގެ ޖާގައިގެ 'ބޮއިން' މަރުކާގެ 787 "ޑްރީމްލައިނާ" އެއް ކަމަށްވެސް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ.

ފްރާންސްގެ ޤައުމީ އެއަރލައިން އެއަރ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފަށާފައި ވަނީ 2017 ވަނަ އަހަރުއެވެ. އެއަށް ފަހު ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް އަންނަނީ ދަތުރުތައް ބާއްވަމުންނެވެ. ސަބަބަކީ މިއީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑު ދުވަސްވަރަކަށް ވާތީއެވެ.

ސިންގަޕޫރުގެ ޤައުމީ އެއަރލައިން، ސިންގަޕޯ އެއަރލައިނުންވެސް 'އެއަރބަސް އޭ 350' މަރުކާގެ ބޮޑެތި މަތިންދާ ބޯޓުތަކުގެ ދަތުރުތައްވަނީ ރާއްޖެއަށް ފަށާފައެވެ.

ސިންގަޕޯ އެއަރލައިނުން އެއަރބަސް އޭ 350 މަރުކާގެ ބޮޑެތި މަތިންދާ ބޯޓުތަކުގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މި ދަތުރުތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ. މިއީ މިހާރު ސިންގަޕޯރ އެއަރލައިނުން ދަތުރުކުރާ ބޯޓުތަކާއި އަޅާބަލާއިރު ޖާގައިގެ ގޮތުން ދެގުނަ އިތުރު ބޯޓުތަކެއް ކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ.

މީގެ ކުރިންވެސް ސިންގަޕޯ އެއަރލައިނުން އަންނަނީ ކޮންމެ ދުވަހަކު 2 ދަތުރު މާލެއަށް ކުރަމުންނެވެ. އެ ދަތުރުތަކުގައި ބޭނުންކުރަނީ 303 މީހުންގެ ޖާގައިގެ ބީ800-737 ގެ ބޯޓެއްކަމަށް އެމްއޭސީއެލްއިން މަޢުލޫމާތުދެއެވެ. ސިންގަޕޫރާ މާލެއާ ދެމެދު ސީދާ ދަތުރުތައް މި ވަގުތު ބާއްވަމުން އަންނަނީ ސިންގަޕޫރުގެ ޤައުމީ އެއަރލައިނާއި ސައުދީ އަރަބިއްޔާގެ ޤައުމީ އެއަރލައިނުންނެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަހަރު އަމާޒުހިފާފައި ވަނީ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ފްރާންސްއަކީ މިހާރު ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ފްރާންސް ހިމެނެނީ ރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުގެ ގޮތުގައެވެ. ރާއްޖެއަށް މިހާތަނަށް 1312993 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފާވާއިރު އޭގެ 2.9 އިއްސަންތަ ހިއްސާކުރަނީ ފްރާންސްގެ ފަތުރުވެރިންނެވެ.