ޚަބަރު

އިންޑިޔާގައި ބުރިޖެއް ވެއްޓި 130އަށްވުރެ ގިނަ މީހުން މަރުވެއްޖެ


އިންޑިޔާގެ ހުޅަނގުގައި އޮންނަ ގުޖަރާތް ސްޓޭޓްގެ ރަށެއް ކަމުގައިވާ މޯރްބީގައި ބުރިޖެއް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 130އިން މައްޗަށް އަރައިފިއެވެ. ވެއްޓިފައި ވަނީ 150 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބުރިޖެކެވެ. މިއީ، ފައިމަގުގައި މައްޗޫ ކޯރު ހުރަސް ކުރުމަށް އަޅާފައިވާ ބުރިޖެކެވެ. ބުރިޖު ވެއްޓިފައި ވަނީ މަރާމާތު ކުރުމަށް ފަހު އަލުން ހުޅުވާލިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ ހިންދޫން ފާހަގަ ކުރާ ދިވާލީ ފެސްޓިވަލުގެ އިޙުތިފާލުތަކެއްގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު އެ ސަރަޙައްދަށް ޖަމާވެފައިވާ ވަގުތެއްގައެވެ. އެ ވަގުތު އެ ސަރަޙައްދުގައި 400އަށްވުރެ ގިނަ މީހުން ތިބި ކަމުގައި އޮފިޝަލުން ބުނެއެވެ. އަދި، ބުރިޖު މަތީގައި ގާތްގަނޑަކަށް 200 އަށްވުރެ ގިނަ މީހުން ތިބި ކަމުގައި މަންޒަރު ފެނުނު މީހުން ބުނެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ގުޖަރާތް ސްޓޭޓްގެ އޮފިޝަލުން ހާމަ ކުރެއެވެ. އަދި، ގިނަ މީހުން މަރުވީ ކޯރަށް ވެއްޓި، ގެނބިގެން ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ. މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ ހޮސްޕިޓަލުތަކަށް ގެންގޮސްފައެވެ.

ވެއްޓުނު ބުރިޖަކީ 19ވަނަ ޤަރުނުގައި އިނގިރޭސީން އިންޑިޔާގައި ވެރިކަން ކުރި ޒަމާނުގައި ހަދާފައިވާ 230 މީޓަރު ދިގު ބުރިޖެކެވެ. އިނގިރޭސި ވިލާތުން ތަކެތި ގެނެސްގެން ހަދާފައިވާ މި ބުރިޖު އެންމެ ފުރަތަމަ ހުޅުވާފައި ވަނީ 1880ވަނަ އަހަރުއެވެ. މަރާމާތު ކުރުމަށް ހަ މަސް ދުވަހަށް ބުރިޖު ބަންދު ކޮށްފައި އޮތުމަށް ފަހު، އަލުން ހުޅުވައިލާފައި ވަނީ ހުސްވި ހަފުތާގައެވެ.

މި ހާދިސާ ހިނގި ވަގުތު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ހުންނެވީ ގުޖަރާތް ސްޓޭޓުގައެވެ. އޭނާ ވަނީ، މި ހާދިސާގައި ކޯރަށް ވެއްޓުނު މީހުން ސަލާމަތް ކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް ފެށުމަށް އިރުޝާދު ދެއްވާފައެވެ. އަދި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކާއި އަނިޔާވި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި މޯދީ ވިދާޅުވިއެވެ.

ގިނަ ދުވަސްވީ މިފަދަ ޢުމްރާނީ ވަސީލަތްތަކާއި ޢިމާރާތްތައް މަރާމާތުކޮށް، ބެލެހެއްޓުމުގައި ފަރުވާ ކުޑަވެ، ހިނގާ މި ފަދަ ހާދިސާތައް އިންޑިޔާގައި ގިނައެވެ. 2016ވަނަ އަހަރު އިރުމަތީގައިވާ ކަލްކަތާގައި އޮންނަ އޯވަރޕާސްއެއް ވެއްޓުނު ހާދިސާއެއްގައި 26 މީހުން މަރުވެ، 100އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ.

2011ވަނަ އަހަރު ދާރްޖީލިންގްގައި ހިނގި މި ފަދަ ހާދިސާއެއްގައި ބުރިޖެއް ވެއްޓި 32 މީހުން މަރުވިއެވެ. އަދި، އަރޫނާޗަލް ޕްރަދޭޝްގައި ހިނގި މި ފަދަ އެހެން ހާދިސާއެއްގައި ފައިމަގުގައި ހުރަސްކުރާ ބުރިޖެއް ވެއްޓި 30 މީހުން މަރުވިއެވެ. އަދި 2006ވަނަ އަހަރުވެސް ގިނަ ދުވަސްވީ ބުރިޖެއް ވަނީ ވެއްޓިފައެވެ. އިންޑިޔާގެ އިރުމަތީ ސްޓޭޓެއް ކަމުގައިވާ ބިހާރުގައި ހުންނަ 150 އަހަރަށްވުރެ ގިނަ ދުވަސްވީ ބުރިޖެއް ވެއްޓުނު ހާދިސާގައި 34 މީހުން މަރުވިއެވެ.