ޚަބަރު

ދެކުނު ކޮރެޔާގައި ނަޞްރާނީންގެ ޢީދެއް ފާހަގަ ކުރި ބަޔަކު ފިތިގެން މަރުވެއްޖެ


ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްގައި ނަޞްރާނީންގެ ޢީދެއް ފާހަގަ ކުރުމަށް ބޭއްވި އިޙުތިފާލެއްގައި ގިނަ އަދަދެއްގެ ބަޔަކު ފިތިގެން، 153 މީހުން މަރުވެއްޖެއެވެ. އެ ޤައުމުގެ ރައީސް ޔޫން ސުކް-ޔޯލް މި ހާދިސާ ސިފަ ކުރައްވާފައި ވަނީ، އެ ޤައުމުގައި މިހާތަނަށް ހިނގި މިފަދަ އެންމެ ހިތާމަވެރި ހާދިސާގެ ގޮތުގައެވެ.

އިޙުތިފާލުތަކުގައި ބައިވެރިވުމަށް 100,000 އަށްވުރެ ގިނަ މީހުން ސޯލްގެ މެދުތެރޭގެ ސަރަޙައްދުތަކުގެ މަގުތަކާއި ހަނި ގޯޅިތަކަށް ޖަމާވި ކަމުގައި އެ ޤައުމުން ބުނެއެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން 20 އަހަރުން ދަށުގެ ޒުވާނުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުޤީޤު ކުރައްވާނެ ކަމުގައި ރައީސް ސުކް-ޔޯލް ވިދާޅުވިއެވެ.

ސުކް-ޔޯލް ވަނީ މި ހާދިސާއާ ގުޅިގެން ޤައުމީ ހިތާމައިގެ ހަތް ދުވަސް އިޢުލާނު ކުރައްވާފައެވެ. އަދި، މި ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބޭރުގެ 20 މީހުން ވެސް ހިމެނެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ދެކުނު ކޮރެޔާއިން މިހާރު ދަނީ ތައްޔާރު ވަމުންނެވެ.

މި ހާދިސާގައި ޒަޚަމުވި މީހުންގެ އަދަދު 133އަށް އަރާފައިވާ ކަމަށާއި، 2,642 މީހަކު ގެއްލިގެން އެ މީހުންގެ ޢާއިލާތަކުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމުގައި ސޯލްގެ ދާޚިލީ ވުޒާރާއިން ބުނެއެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ސިފައިންގެ ތިން މީހުން ވެސް ހިމެނެއެވެ.

މި ހާދިސާ ހިނގާފައި މި ވަނީ ސޯލްގައި ކޮންމެ އަހަރު ވެސް ބާއްވާ ނަޞްރާނީންގެ ޢީދެއް ފާހަގަ ކުރުމުގެ އިޙުތިފާލުތަކުގެ ތެރެއިންނެވެ. ކޮވިޑް-19އާ ގުޅިގެން ފުރަބަންދު ކުރުމަށް ފަހު، މިއީ މި ފަދަ ހަރަކާތެއް ސޯލްގައި ބާއްވާފައިވާ ފުރަތަމަ ފަހަރެވެ. މި އަހަރުގެ ހަރަކާތުގައި އާދަޔާ ޚިލާފަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާ ކަމުގައި ސޯލްގެ އޮފިޝަލުން ބުނެއެވެ.