ޚަބަރު

ޔަހޫދީންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ފަލަސްޠީނު މީހެއް ޝަހީދު ކޮށްލައިފި


ޔަހޫދީން އަޅުވެތި ކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ހިނގި ކުރިމަތިލުންތަކެއްގައި ފަލަސްޠީނު މީހެއް ޝަހީދު ކޮށްލައިފިއެވެ. ހުޅަނގު އައްސޭރީގެ އަރީޙާގައި ޔަހޫދީންގެ ސިފައިން ހިންގި މި އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނު މީހާގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޔަހޫދީ އިސްރާޢީލުގެ ސިފައިން ފަލަސްޠީނު މީހާ ޝަހީދު ކޮށްލާފައި ވަނީ އޭނާ ދުއްވަމުން ދިޔަ ކާރަށް ބަޑިޖަހައި ހަމަލާދީ ގެންނެވެ. އެ ކާރަށް ހަމަލާ ދީފައި ވަނީ، އަރީޙާގެ ޗެކްޕޮއިންޓެއް ކައިރީގައި ފޯރިމަރަން ތިބި އިސްރާޢީލުގެ ސިފައިންނާ ދިމާލަށް ބާރު ސްޕީޑުގައި ކާރު ދުއްވުމުން ކަމުގައި ޔަހޫދީންގެ ސިފައިންގެ ބުނެއެވެ.

މި ހާދިސާގައި ފަސް މީހަކު ޒަޚަމުވި ކަމުގައި ވެސް އިސްރާޢީލުގެ ސިފައިން ބުނެއެވެ. އޮކްޓޫބަރު 29ވަނަ ދުވަހު ވެސް ޔަހޫދީންގެ ސިފައިން ވަނީ ފަލަސްޠީނުގެ މީހަކު ޝަހީދު ކޮށްލާފައެވެ. މި ހާދިސާ ހިނގާފައި ވަނީ ހުޅަނގު އައްސޭރީގެ ދެކުނުގައިވާ ހެބްރޯންގައެވެ. ޝަހީދު ކޮށްލާފައި ވަނީ، އިސްރާޢީލުގެ ރައްޔިތަކަށް ހަމަލާދީ މަރައިލުމުގެ ފަހަތުގައިވާ ފަލަސްޠީނުގެ ރައްޔިތެއް ކަމުގައި އިސްރާޢީލުން ބުނެއެވެ.

ޔަހޫދީ އިސްރާޢީލުގެ ސިފައިން ފަލަސްޠީނުގެ ބިންތަކަށް އަރައި ހިންގަމުންދާ އުދުވާންތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި މި މަހުގެ މިހާތަނަށް ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު މިހާރު ވަނީ 29އަށް އަރާފައެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އިސްރާޢީލުގެ ތިން ރައްޔިތުން ވެސް ވަނީ މަރުވެފައެވެ.