ޚަބަރު

އީރާނުގެ މަޤުބަރާއަކަށް ދިން ހަމަލާއެއްގައި މަރުވި މީހުންގެ ޖަނާޒާ ބާއްވައިފި


އީރާނުގެ ޝީޢީންގެ މުހިންމު މަޤުބަރާއަކަށް ދިން ބަޑީގެ ހަމަލާތަކެއްގައި މަރައިލާފައިވާ 15 މީހުންގެ ޖަނާޒާގައި އެތަކެއް ހާސް ބަޔަކު ބައިވެރިވެއްޖެއެވެ. މި ހަމަލާ ދީފައި ވަނީ، މަޣުރިބު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް މަޤުބަރާއާ އިންވެގެން ހުންނަ މިސްކިތަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައިވާ ވަގުތެއްގައެވެ.

މި ހަމަލާ ދީފައި ވަނީ އީރާނުގެ ދެކުނުގައިވާ ޝީރާޒުގައި ހުންނަ ޝާހް ޝޭރާޣުގެ މަޤުބަރާއަށެވެ. ހަމަލާތަކުގައި އިތުރު 19 މީހަކު ޒަޚަމުވި ކަމުގައި އީރާނުން ބުނެއެވެ. ޓެރެރިސްޓް ޖަމާޢަތެއް ކަމުގައިވާ އައި.އެސް.އިން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

މި ހަމަލާގައި ޒިންމާވާ މީހާ ހައްޔަރު ކޮށްފައިވާ ކަމުގައި އީރާނުން ބުނެއެވެ. މި ފަދަ ހަމަލާއެއް ދިނުމަށް މަގުފަހިވެފައި ވަނީ އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ކަމުގައި ދާޚިލީ ވަޒީރު އަޙުމަދު ވަޙީދީ ވިދާޅުވިއެވެ. އީރާނުގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ފެށުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 22 އަހަރުގެ އަންހެން ކުއްޖެއް ކަމުގައިވާ މަޙްސާ އަމީނީ މަރުވި ހާދިސާއާ ގުޅިގެންނެވެ.

"ތަޖުރިބާއާއި ތާރީޚުން ފެންނަނީ އީރާނުގެ ހަތުރުން މި ޤައުމު ބައިބައި ކުރަން މަސައްކަތް ކުރަމުންދާ ތަން. އަދި، ހަމަލާތައްދީ ބިރުވެރިކަން އުފައްދަން މަސައްކަތް ކުރަމުންދާ މަންޒަރު. މަޤުބަރާއަށް ދިން ހަމަލާތަކަށް އީރާނުން ރައްދު ދޭނެ. އެ ހަމަލާ ރޭވި މީހުން ހޯދައި އެ މީހުންނަށް ހައްޤު އަދަބު ދޭނަން،" އީރާނުގެ ރައީސް އިބްރާހީމީ ރައީސީ ވިދާޅުވިއެވެ.

2017 ވަނަ އަހަރު ވެސް އީރާނުގައި ވަނީ ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އިދާރާއާއި އެ ޤައުމުގެ ރޫހާނީ ލީޑަރު އާޔަތުالله ރޫޙުالله ޚާމަނާއީގެ މަޤުބަރާއަށެވެ. އައި.އެސް. ޖަމާޢަތުން ވަނީ އެ ދެ ހަމަލާގެ ޒިންމާ އުފުލާ ކަމުގައި ވެސް ބުނެފައެވެ.