ދުނިޔެ

ގިނަ އަދަދެއްގެ ބަޔަކު މިއުނިކްގައި މުޒާހަރާކޮށްފި


މިހާރު ޖަރުމަނުވިލާތުގައި ކުރިއަށްދާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސަކީ ދުނިޔޭގެ ސުލްޙަ އާއި ސަލާމަތަށް ބާއްވާ ބައްދަލުވުމެއް ނޫން ކަމަށާއި އެ ބައްދަލުވުމުގެ ބޭނުމަކީ ހަނގުރާމަ އިތުރަށް ފުޅާކުރުން ކަމަށް ބުނެ، މިއުނިކްގައި ގިނަ ބަޔަކު މުޒާހަރާކޮށްފިއެވެ. ގާތްގަނޑަކަށް 1،500 އެއްހާ މީހުން ބައިވެރިވި މި މުޒާހަރާގައި ބައިވެރިވި ގިނަ މީހުން ވަނީ ބަވަނަކުރުމުގެ ސިޔާސަތުތަކާއި ދެކޮޅަށް އަޑުއުފުލާފައެވެ. އަދި، މިއީ ސުލްޙައިގެ ބައްދަލުވުމެއް ނޫންކަމަށާއި މިއީ ސިޔާސީ ނުފޫޒު އިތުރަށް ފުޅާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށްވެސް އެމީހުން ވަނީ ތުހުމަތުކޮށްފައެވެ. ބަވަނަކުރުމާއި ދެކޮޅަށް މަސައްކަތްކުރާ "އެޓެކް" ޖަމާއަތުން ބުނާ ގޮތުގައި މި ބައްދަލުވުމުގެ ގިނަ ބައިވެރިންނަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތައް އިތުރަށް ފުޅާކުރުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތް ކުރައްވާފައިވާ ބައިވެރިންނެވެ. އަދި، އެފަދަ މައްސަލަތަކުގެ ޒިންމާ ނަންގަވާ، އެކަމަށް ހައްލެއް ހޯދުމަށް އެ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އެ ޖަމާއަތުން ވަނީ ބުނެފަ. މިއުނިކް ސެކިއުރިޓީ ކޮންފަރެންސަކީ ބައިނަލްއަގްވާމީ އެކި މައްސަލަތަކާއި ހަނގުރާމަތަކަށް ހައްލެއް ހޯދުމަށް މަޝްވަރާކުރުމަށް އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުމެއް. މިއަހަރުގެ ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ، ރަޝިޔާގެ ބޮޑުވަޒީރު ޑިމީޓްރީ މެޑްވެޑެވް، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯވް އަދި ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު ވޯލްޓަރ ސްޓައިންމަޔަރ ބައިވެރިވެވަޑައިގަންނަވާ.