ކުޅިވަރު

ލެސްޓާ ބަލިކޮށް ޗެމްޕިއަން ސިޓީ އެއްވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. އަދި ލެސްޓަރއިން ސިޓީއަށް ލަނޑެއް ޖެހުނަ ނުދިނުމަށްޓަކައި މިމެޗްގައި ބޮޑަށް އިސްކަން ދީފައިވަނީ ޑިފެންސް ކުރުމަށެވެ.

ސިޓީގެ ނުރައްކާތެރި ފޯވަޑް އަރލިންގް ހާލަންޑްއަށް އަނިޔާވެފައިވުމާއި ގުޅިގެން އޭނާ އާއި ނުލާ ކުޅުނު މިމެޗްގައި ސިޓީގެ ތަރިއަކަށް ވެގެންދިޔައީ ކެވިން ޑި ބްރުއިނަރއެވެ. މިމެޗްގެ 49 ވަނަ މިނެޓްގައި ލިބުނު ހިލޭޖެހުމަކުން މިމެޗްގައި ސިޓީއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޑި ބްރުއިނަރއެވެ. މިމެޗްގައި ލެސްޓަރއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް ކެޕްޓަން ޔޫރީ ޓިއެލެމަން ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރ އެޑަރސަން ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މިކާމިޔާބީއާއެކު ސިޓީއަށް މިހާރު މިވަނީ ކުޅުނު 12 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު މިވަގުތަށް ތާވަލްގެ އެއްވަނައަށް އަރާފައެވެ. ނަމަވެސް އެއީ ކުރިން އެއްވަނައިގާ އޮތް އާސެނަލްއަށް ވުރެ އެއްމެޗް އިތުރަށް ކުޅެގެންނެވެ. 28 ޕޮއިންޓްގައި އޮތް އާސެނަލް މިރޭ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެޓީމަށް އަލުން އަނެއްކާ ތާވަލްގެ އެއްވަނަ ލިބިގެންދާނެއެވެ. މިނާކާމިޔާބީއާއެކު ލެސްޓަރ މިހާރުވަނީ 11 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައަށް ވެއްޓިފައެވެ.