ޚަބަރު

ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރުމަށް ރަޝިޔާއިން ހުރަސް އަޅައިފި


ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމަށް ރަޝިޔާއާއެކު ހަދާފައިވާ އެއްބަސްވުމުން ރަޝިޔާއިން ވަކިވެއްޖެއެވެ.

ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައާ ގުޅިގެން ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރުމަށް އޮތީ ހުރަސް އެޅިފައެވެ. ނަމަވެސް، އ.ދ.އިން އިސްނަގައިގެން ކުރި މަސައްކަތްތަކުން ޖުލައި 22ވަނަ ދުވަހު ދެ ޤައުމުން ވަނީ ޔޫކްރެއިނުގައި އުފައްދާ ގޮވާމުގެ ބާވަތްތައް ބްލެކް ސީ މަގުން އެކްސްޕޯޓު ކުރަން ފަށާފައެވެ. މި ކަމާ މެދު އެއްބަސްވުމަކަށް އާދެވިފައި ވަނީ ދުނިޔޭގެ ބާޒާރަށް ގޮވާމުގެ ބާވަތްތައް ލިބުން ދަތިވެ، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދިޔަ ދަނޑިވަޅެއްގައެވެ.

އެއްބަސްވުމުގެ މުއްދަތު އަންނަ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު ހަމަވާނެއެވެ. މި އެއްބަސްވުމުގެ ދަށުން މިހާތަނަށް ނުވަ މިލިޔަން ޓަނުގެ ގޮވާމުގެ ބާވަތްތައް ޔޫކްރެއިނުން ވަނީ ބޭރު ކޮށްފައެވެ. މި އެއްބަސްވުމާއެކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ އެތަކެއް މިލިޔަން ބަޔަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބިގެންދިޔަ ކަމުގައި އ.ދ.އިން ބުނެއެވެ. ނަމަވެސް، ރަޝިޔާއިން މި ވަނީ އެއްބަސްވުމުން ވަކިވަން ނިންމާފައިވާ ކަން އިޢުލާނު ކޮށްފައެވެ. އެ ގޮތަށް ނިންމާފައި ވަނީ ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަކަށް ޔޫކްރެއިނުން ހަމަލާދިނުމާ ގުޅިގެން ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ.

ކްރައިމިޔާގެ ރަށެއް ކަމުގައިވާ ސެވާސްޓަޕޯލް ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަށް އަމާޒުކޮށް ޔޫކްރެއިނުގެ އަސްކަރިއްޔާއިން ޑްރޯން ހަމަލާތަކެއް ދީފައި ވަނީ އިނގިރޭސި ވިލާތުގެ އެހީތެރިކަމާ އެކު ކަމުގައި ރަޝިޔާއިން ތުހުމަތު ކުރެއެވެ. ނަމަވެސް، އިނގިރޭސި ވިލާތުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ.

"އިނގިރޭސި ވިލާތުގެ މާހިރުން ފަހަތުގައި ތިބެ ޔޫކްރެއިނުގެ ފައުޖުތަކުން ވަނީ ރަޝިޔާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކާއި ޢާންމުންގެ އުޅަނދުފަހަރަށް ޑްރޯން ހަމަލާތަކެއް ދީފައި. އެއީ، ޓެރެރިސްޓު ހަމަލާތަކެއް. އެ އުޅަނދުތައް ބްލެކް ސީގައި ހަރަކާތްތެރިވެފައި ވަނީ، ޔޫކްރެއިނުން ގޮވާން ބޭރު ކުރާ އުޅަނދުފަހަރަށް ހިމާޔަތް ދިނުމަށް. އެ ހަމަލާތަކާ ގުޅިގެން، އެ ޤައުމުން ގޮވާން ބޭރު ކުރުމަށް ވެފައިވާ އެއްބަސްވުމުން ވަކިވާން ވާނީ ނިންމާފައި،" ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުންޏެވެ.

ރަޝިޔާއިން ވިލާތުގެ ޤައުމުތަކަށް ޤުދުރަތީ ގޭސް ފޯރުކޮށްދޭން ބޭނުން ކުރާ ނޯޑް ސްޓްރީމް ވަން ހޮޅިތަކަށް ހުސްވި ސެޕްޓެންބަރު މަހު ދިން ހަމަލާގެ ފަހަތުގައި ވަނީ ވެސް އިނގިރޭސި ވިލާތް ކަމުގައި ވެސް ރަޝިޔާއިން ކުރިން ތުހުމަތު ކޮށްފައިވެއެވެ. އަދި، މަނަވަރުތައް ދިން ހަމަލާގެ މައްސަލަ އ.ދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާނެ ކަމުގައި ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ ވިދާޅުވިއެވެ.

ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރުމަށް ހަދާފައިވާ އެއްބަސްވުމަށް ރަޝިޔާއިން މީގެ ކުރިން ވެސް ވަނީ ފާޑު ކިޔާފައެވެ. ރަޝިޔާއިން ބުނަނީ، ރަޝިޔާގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުމުގެ ފުރުޞަތު އެ އެއްބަސްވުމުގެ ދަށުން އެ ޤައުމަށް ލިބެމުން ނުދާ ކަމުގައެވެ. ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް އަޅާފައިވާ ސެވާސްޓަޕޯލް ބަނދަރު އޮންނަ ކްރައިމިޔާއަކީ ރަޝިޔާއިން 2014ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޔޫކްރެއިނުގެ ފައުޖުތަކުން ވަނީ ކްރައިމިޔާގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރު ކޮށްފައެވެ.

ކްރައިމިޔާ އޮންނަނީ ޔޫކްރެއިނުގެ ދެކުނުގައެވެ. އެ ސަރަޙައްދުގެ އުތުރުން އޮންނަ ޚާރްސަން ވެސް މި ވަގުތު އޮތީ ރަޝިޔާ ސިފައިންގެ އަތްދަށުގައެވެ. އެ ތަން މިނިވަން ކުރުމަށް ޔޫކްރެއިނުގެ ސިފައިން މިހާރު ދަނީ އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. އޮކްޓޫބަރު މަހުގެ ކުރީ ކޮޅު ކްރައިމިޔާއާ ރަޝިޔާ ގުޅައިދޭ މައި ބުރިޖަށް ވެސް ވަނީ ވަރުގަދަ ހަމަލާއެއްދީ، ބުރިޖުގެ އެއްބައި ހަލާކު ކޮށްލާފައެވެ.

ރަޝިޔާއިން ވަނީ އެ ހަމަލާގެ ޒިންމާ ޔޫކްރެއިނުގެ އަސްކަރިއްޔާގެ ކޮނޑުގައި އަޅުވާފައެވެ. އަދި، އެ ކަމާ ގުޅުވައި ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ ޔޫކްރެއިނުގެ ވެރިރަށް ކީވްގެ އިތުރުން މައި އެހެން ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ކްރޫޒް މިސައިލާއި ޑްރޯން ހަތިޔާރު ބޭނުން ކޮށްފައިވެއެވެ.