ޚަބަރު

ޓައިގާގެ އާ ފިލްމެއް: މިފަހަރުވެސް އެކްޝަން ޑްރާމާއެއް


އެކްޝަން ފިލްމުތައް ކުޅެން މަޝްހޫރު ބޮލީވުޑް ތަރި ޓައިގާ ޝްރޮފް އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިގެންދިޔައީ ފިލްމު "ހީރޯ ޕައްތީ 2" އިންނެވެ. ޓައިގާ މިހާރު އެންމެ ބިޒީ ވެގެން އުޅެނީ އަންނަ ޑިސެމްބަރުމަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ "ގަނަޕަތު" ގެ މަސައްކަތުގައެވެ.

"ގަނަޕަތު" ރިލީޒްކުރުމުގެ މަގުމަތީގައި އޮއްވައި އަނެއްކާވެސް އިތުރު ފިލްމަކަށް ޓައިގާ ސޮއިކޮށްފައިވާ ކަމަށް މީޑިއާތަކުން މިވަނީ ރިޕޯޓުކޮށްފައެވެ. ޓައިގާގެ މިފަހަރުގެ ފިލްމަކީ އަކްޝޭ ކުމާރު ލީޑް ރޯލުން ފެނުނު ފިލްމު "މިޝަން މަންގަލް" ގެ ޑައިރެކްޓަރު ޖަގަން ޝަކްތީ ޑައިރެކްޓުކުރާ ފިލްމެކެވެ.

ނަން އަދި ހާމަނުކުރާ މި ފިލްމަކީ އިމޯޝަނަލް އެކްޝަން ޑްރާމާއެކެވެ. މީގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ވަނީ އިނގިރޭސިވިލާތުގައެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ ވާޝޫ ބައްގާނީ އާއި ޖެކީ ބައްގާނީގެ ޕޫޖާ އެންޓަޓެއިންމަންޓުންނެވެ. މިއީ "ގަނަޕަތް" އަށްފަހު ޖެކީ އަދި ވާޝޫ ބައްގާނީ އާއެކު ޓައިގާ މަސައްކަތްކުރާ ދެވަނަ ފަހަރެވެ.

އައު ޕްރޮޖެކްޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން ތައްޔާރުވެފައިވާއިރު މި ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެއެވެ.

ޓައިގާ ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ އަލީ އައްބާސް ޒަފަރު ޑައިރެކްޓުކުރާ "ބަޅޭ މިޔާން ޗޯޓޭ މިޔާން"ގެ މަސައްކަތެވެ. އޭގެފަހުން ރޯހިތު ދަވަންގެ "ރޭމްބޯ" ގެ ރީމޭކުންވެސް ޓައިގާ ފެންނާނެއެވެ.