ޚަބަރު

ވިޔަފާރިތަކަށްވެދިން އެހީއާއެކު ދަރަނި އިތުރު، ހާލަތުން އަރައިގަނެވޭނީ ޓެކްސް ބޮޑުކޮށްގެން: އަމީރު


ކޯވިޑުގެތެރޭގައި ވިޔަފާރިތަކަށްވަމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ވެދިން އެހީއާއެކު ދައުލަތުގެ ދަރަނިވެސް އިތުރުވެފައިވާ ކަމަށާއި މި ހާލަތުން އަރައިގަނެވޭނީ ޓެކްސް ނަގާ މިންވަރަށް ބަދަލު ގެނެސްގެންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ކޯވިޑުތެރޭގައި އިޤްތިސާދަށްވަމުންދާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި އޭރު އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ވަމުންދިޔަ ގެއްލުންތައް ކުޑަކުރެވި، އިޤްތިސާދަށްވެސް އޭގެ ފައިދާ ކުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އޭރު ވިޔަފާރިތަކަށްވަމުންދިޔަ އެހީތަކަކީ އޭގެ ބުރަ ސަރުކާރުން އުފުލަން ޖެހުނު ކަމެއްކަން މިނިސްޓަރ ފާހަގަކުރެެއްވިއެވެ.

މިނިސްޓަރ ވަނީ އޭރު ސަރުކާރުން ވެދިން ބައެއް އެހީތައް ފާހަގަކުރައްވާފައެވެ. އެގޮތުން ސަރުކާރުން އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔަ ނަމަވެސް، ވިޔަފާރިތަކަށް ޑެބް މޮނިޓޯރިއަމް ދީ، އެސްއެމްއީތަކަށް ލޯނު ދީ، ބޮޑު ވިޔަފާރިތަކަށް ލޯން ދިނުމާއި، ރިސޯޓުތަކަށް ލޯނު ދިނުމާއި އާއްމު މީހުންނަށްވެސް ލޯނު ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" އެ ހުރިހާ މީހުންނަށް އެކަން ކުރީމައި، އެ ފުރުސަތު ހުޅުވާލީމައި ޖަމްޕު ޖަހަން ފުރުސަތު ލިބުނީ އެކަން އެގޮތަށް ކުރީމައި، އެކަން އެގޮތަށް ކުރީމައި އޭގަ ކޯސްޓެއްވެސް އެބައޮތް، އެ ކޯސްޓަކީ ޕަބްލިކް ފައިނޭންސްއަށް ވަރަށް ބޮޑު ހިޓެއް ނެގުން ދައުލަތުގެ ދަރަނިވެސް އިތުރުވެގެން ދިޔުން، އެހެންވީމައި އެކަން ކަން ރަނގަޅު ކުރުމަށްޓަކައި، ޖީއެސްޓީ، ޓީޖީއެސްޓީ މި ބޮޑު ކުރަން ހުށަހަޅަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ކޯވިޑުގެތެރޭގައިވެސް ރާއްޖެއަށް އިޤްތިސާދީގޮތުން އައިސްފައިވާ ކުރިއެރުން ފާހަގަކުރައްވާފައެވެ. އެގޮތުން 2020ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު 33.5 އިންސައްތައިގައި އިޤްތިސާދު ދަށަށް ދިޔަ ނަމަވެސް 2021ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު 41.6 އިންސައްތައަށް ކުރިއެރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"2021ވަނަ އަހަރު ހަމަ ސީދާ ވީ ޝޭޕް، ދުނިޔޭގެ އެއްވެސް ފަރާތަކުން އަންދާޒާ ކުރި ގޮތެއް ނޫން، 2021 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު %41.6 އަށް ކުރިއެރި، 2022ވަނަ އަހަރު %13 ކުރިއަރާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޯވިޑާއެކު ފައިސާ ހޯދުމުގައި ދަތިކަމެއް ނެތް ނަމަވެސް މިހާރު އެ ދަތިތައް އެބަހުރި ކަމަށެވެ. އެހެންކަމުން އާމްދަނީ ހޯދުމަށް ސަރުކާރުން ކުރެވެން ހުރި ކަންތައްތައްކޮށްގެން އާމްދަނީ ހޯދޭނެ އިތުރުގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ވަނީ ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށެވެ.