ޚަބަރު

އިނގިރޭސި ބޮޑުވަޒީރަކަށް އިންޑިޔާ ދަރިކޮޅުގެ ރިޝީ ސުނަކް


އިނގިރޭސި ވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ އިސްވެރިޔާގެ މަޤާމު އިންޑިޔާ ދަރިކޮޅުގެ ބޭފުޅެއް ކަމުގައިވާ ރިޝީ ސުނަކް ކާމިޔާބު ކުރައްވައިފިއެވެ. ސުނަކްއަކީ، އިންޑިޔާ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. މިއީ ދޮން ނަސްލުން ބޭރު ދަރިކޮޅަކަށް ނިސްބަތްވާ ބޭފުޅަކު އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ޢައްޔަން ކުރެވޭ ފުރަތަމަ ފަހަރެވެ.

42 އަހަރުގެ ސުނަކްއަކީ އެ މަޤާމާ ހަވާލުވެވަޑައިގަންނަވާ އެންމެ ހަގު ބޭފުޅާއެވެ. އަދި، އެންމެ މުއްސަނދި ވެސް ބޭފުޅާއެވެ. ސުނަކް ވެވަޑައިގަންނަވާނީ، އިނގިރޭސި ވިލާތުގެ ސަރުކާރުގެ ހިންގުމުގެ އެންމެ މަތީ މަޤާމު ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ތިންވަނަ ބޭފުޅާއަށެވެ.

ސުނަކް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެޑައިގަންނަވާ ދަނޑިވަޅަކީ، އެ ޤައުމަށް އިޤްތިޞާދީ ކާރިސާއެއް ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. ކޮންޒަރވެޓިވް ޕާޓީގެ އިސްވެރިޔާގެ މަޤާމަށް އޭނާ އިންތިޚާބުވެ ވަޑައިގަތީ، އެ މަޤާމު ފުރުއްވަމުން ގެންދެވި ލިޒް ޓްރަސް ބޮޑުވަޒީރު ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވަން ނިންމެވުމުންނެވެ.

ޓްރަސްގެ ސަރުކާރު ދެމި އޮތީ އެންމެ 44 ދުވަހަށެވެ. އަދި، ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ސުނަކްއަށް ޖެހިވަޑައިގަންނަވާނީ އިނގިރޭސި ވިލާތަށް ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ޤައުމު ހަމަ މަގަށް އެޅުވުމުގެ ބުރަ މަސައްކަތެވެ. މިއީ، ކޮންޒަރވެޓިވް ޕާޓީ ވެސް ބައިބައިވެފައިވާ ދަނޑިވަޅެކެވެ.

"އަޅުގަނޑުގެ އެންމެ އިސް ވާޖިބަކަށް ވާނީ ޤައުމަށް ހަމަޖެހުމާއި އެއްބައިވަންތަކަށް ގެނެސްދިނުން. ޕާޓީއާއި ޤައުމު އެކަތިގަނޑަކަށް ހެދުން،" ސުނަކް ވިދާޅުވިއެވެ. އޮކްޓޫބަރު 25ވަނަ ދުވަހު ރަސްގެފާނު ޗާލްސް ތިންވަނައިގެ ކުރިފުޅު މަތީގައި ސުނަކް ބޮޑުވަޒީރު ކަމުގެ މަޤާމާ ރަސްމީކޮށް ހަވާލުވެ ވަޑައިގަންނަވާނެއެވެ.

ސުނަކްގެ ޢާއިލާއިން އިނގިރޭސި ވިލާތަށް ހިޖުރަ ކޮށްފައި ވަނީ 1960ގެ އަހަރުތަކުގެ ތެރޭގައެވެ. އެއީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިނގިރޭސި ވިލާތް އާރާސްތު ކުރުމަށް، އެ ޤައުމުން އިސްތިއުމާރީ ބާރު ހިންގި ސަރަޙައްދުތަކުގެ ރައްޔިތުން އެ ޤައުމަށް ހިޖުރަ ކުރި ދުވަސްވަރެކެވެ.

ސުނަކް ތަޢުލީމު ހާސިލު ކުރައްވާފައި ވަނީ އޮކްސްފަޑް ޔުނިވަރސިޓީއާއި ސްޓެންފަރޑް ޔުނިވަރސިޓީއިންނެވެ. އޭނާގެ އަނބިކަނބަލުން އަކްޝަތާ މުރުތީއަކީ، އިންޑިޔާގެ ބިލިޔަނަރު އެން.އާރް. ނަރަޔަނަ މުރުތީގެ ދަރިކަނބަލެކެވެ. ސުނަކް ކޮންޒަރވެޓިވް ޕާޓީގެ އިސްވެރިޔާގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވުމުން، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އޭނާއަށް މަރުޙަބާ ވިދާޅުވެފައެވެ.