ސިޔާސީ

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ


ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ ބޭއްވުމަށް ތާވަލްކުރައްވައިފިއެވެ.މިއީ މިމަހުގެ 4 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށްފަހު ބާއްވަވާ ދެވަނަ ޖަލްސާއެވެ. މާދަމާ ބޭއްވެވުމަށް ތާވަލުކުރައްވައިފައިވާ ޖަލްސާގައި ގިނަ ބިލްތަކެއް މަޖިލީހަށް ތަޢާރަފްކުރެއްވުމަށް ވަނީ އެޖެންޑާ ކުރައްވާފައެވެ. އޭގެ ތެރޭގައި ޖެންޑަރ އީކުއަލިޓީ ބިލާއި، ޕޮރިސިކިއުޓަރ ޖެނެރަލްގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލާއި، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާބެހޭ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލް ހިމެނެއެވެ. އަދި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައިވާ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ފުރަތަމަ ކިއުން އިއްވެވުންވެސް މާދަމާގެ ޖަލްސާއަށްވަނީ އެޖެންޑާކުރައްވާފައެވެ.އެޖެންޑާކުރައްވައިފައިވާ އިތުރު ކަންކަމުގެ ތެރޭގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ކޮމިޓީއަށް ފޮނުއްވުމުގެ މައްސަލަވެސް ހިމެނެއެވެ.މާދަމާގެ ޖަލްސާ މިބާއްވަނީ މަޖްލިސް ކުރާ ގޭގައި ހިނގި އަލިފާނުގެ ޙާދިސާއަކާ ގުޅިގެން  އެތަނުގައި ޖަލްސާ ބޭއްވުން މަޑު ޖައްސާލުމަށްފަހު މިއަހަރުގެ ފުރަތަމަ ޖަލްސާ ދަރުބާރުގޭގައި ބޭއްވުމަށްފަހުގައެވެ. ދަރުބާރުގޭގައި ބޭއްވި ފުރަތަމަޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ.