ޚަބަރު

މެދުއިރުމަތީގެ ޤައުމުތަކަށް މިފްކޯއިން މަސް އެކްސްޕޯޓުކުރުމަށް މަސައްކަތްކުރަނީ


މެދު އިރުމަތީގެ ޤައުމުތަކަށް މިފްކޯއިން މަސް އެކްސްޕޯޓުކުރުމުގައި ހުރި ފުރުސަތުތައް ބަލަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ދިވެހިމަހަށް އިތުރު މާރކެޓުތައް ހޯދާ މަހަށް ރަނގަޅު އަގެއް ހޯދުމުގެ މަސައްކަތް މިފްކޯއިން ދަނީ ސަރުކާރާއި ގުޅިގެން ކުރަމުންނެވެ.

ޓީވީއެމުން ގެނެސްދޭ 'އެޖެންޑާ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، އާ މަރކެޓުތައް ހޯދުމަށް ބޭރުގައި ބާއްވާ ފެއަރތަކުގެ ތެރެއިންވެސް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ދާދިފަހުން ތައިލޭންޑުގައި ބޭއްވި ޓޫނާ ކޮންފަރެންސްގައި މެދުއިރުމަތީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށާއި، އެ ސަރަޙައްދުގެ ޤައުމުތަކުގައި ކަޅުބިލަ މަސް އަދި ކަންނެއްޏަށް ރަނގަޅު ޑިމާންޑެއް އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިޑްލް އީސްޓަކީވެސް ޑިވެލޮޕްވަމުން އަންނަ ރީޖަނެއް، އަޅުގަނޑުމެންނަށް ފެނުނު، މިޑްލް އީސްޓު މާކެޓުގައި ޓޫނާއަށް ގްރޯވަމުން އަންނަ މާރކެޓު، ޕްރޮސެސް ޓޫނާވެސް، ފްރޯޒަން ޓޫނާވެސް، ފުރުސަތު ލިބުނު މީހުންނާއި މީޓްކުރަން، ހައި ލެވަލްގައި، އިތުުރުމާކެޓުތައް ހޯދަން ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ފާހަގަކުރެއްވިގޮތުގައި ދުނިޔޭގެ އެހެން މަސް އެކްސްޕޯޓުކުރާ ޤައުމުތަކުންވެސް މިހާރު މެދުއިރުމަތީގެ ޤައުމުތަކަށް މަސް އެކްސްޕޯޓުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މީގެންވެސް ދައްކައިދެނީ އެޤައުމުތަކުގައި މަހަށް ރަނގަޅު ޑިމާންޑެއް އޮންނަކަންކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯގެ ކެޕޭސިޓީއަށް އަންނަ ކުރިއެރުންތަކާއެކު އިތުރު މާރކެޓުތައްވެސް ހޯދުމަކީ މުޙިއްމު ކަމެއްކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ރާއްޖޭގައި ބާނާ މަހަށް އިތުުރު މާކެޓުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިފްކޯއިން މިހާރު ދަނީ މޮރިޝަސްއަށްވެސް މަސް އެކްސްޕޯޓުކުރަމުންނެވެ. އެގޮތުން އެޤައުމަށް މަސް ގެންގޮސް ޕެކްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް މިފްކޯއިން ހާމަކުރެއެވެ.

އިސްމާއިލް ފާހަގަކުރެއްވިގޮތުގައި މޮރިޝަސްއަށް ގެންގޮސް އެޤައުމުން މަސް ޔޫރަޕަށް އެކްސްޕޯޓުކުރުމުން ރަނގަޅު އަގެއް ލިބޭ ކަމަށެވެ.

" މޮރިޝަސްއަކީ ޑިއުޓީ ފްރީ ސްޓޭޓަސް ލިބިފައި އޮތް ތަނެއް، އެހެންވީމަ އެތަނުން ޕްރޮސެސްކުރީމަ ޔޫރަޕް މާކެޓުގައި ރަނގަޅު އަގު އެބަ ލިބޭ، އެއީ އެތަނުގައި އިންނަ ޑިއުޓީ އިނާޔަތްތަކުގެ ދަށުން ލިބޭ،" އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއިން ދަނީ ޔޫރަޕްގެވެސް ތަފާތު އެކި މާރކެޓުތައް ހޯދުމަށް މަސައްކަތްކުރަމުންނެވެ. މިއާއެކުވެސް މަހަށް ލިބޭ އަގު ރަނގަޅުވެ، އޭގެ ސަބަބުން މަސްވެރިންނަށްވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް މިފްކޯއިން ދެކެއެވެ.