ވިޔަފާރި

ޓެކްސް ބޮޑުކުރުމުން ޖީއެސްޓީން 970 މިލިއަން، ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާ ލިބޭނެ


ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ޓެކްސްތަކަށް ގެންނަ ބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީއަށް ގެންނަ ބަދަލުތައް ގެންނަ ސަބަބާއި އެކަން ނުކޮށްފިނަމަ ދިމާވެދާނެ ދަތިތަކަށް އަލިއަޅުއްވާލައްވާފައެވެ.

މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އިޤްތިޞާދީގޮތުން އަންނަ ލޮޅުންތަކާއެކު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް ސަރުކާރުން އަޅުއްވާނެކަމަށެވެ. އެގޮތުން ކޯވިޑްގެ ހާލަތުގައިވެސް އެފަދަ ފިޔަވަޅުތައް އަޅައިގެން އިޤްތިޞާދު ހިފެހެއްޓުނުކަން އަމީރު ފާހަގަކުރެއްވިއެވެ.

އަމީރު ވިދާޅުވީ ޔޫރަޕާއި އެމެރިކާގައި އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންޓްރަސްޓް ރޭޓްތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާކަމަށެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުން މާލީ އެހީތައް ހޯދުމުގައި ވަރަށް ބޮޑަށް ދޮރުތައް ވަނީ ބަންދުވެފައިކަން މިނިސްޓަރ ފާހަގަކުރެއްވިއެެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާއިރު ހަރަދުތައްވެސް ދަނީ ބޮޑުވަމުންކަމަށެވެ. އެހެންކަމުން އެކަންކަން ހައްލުކުރަން ޤައުމުގެ ތެރެއިން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރާއްޖޭގެ ގިނަ ރަށްތަކުގައި އަސާސީ ގިނަ މަސައްކަތްތަކެއް ކުރިއަށް އެބަގެންދަންޖެހޭ. އެހެންވީމަ ގައުމުގެ އެތެރެއިން ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދަން އެބަޖެހޭ. މިއީ އައިއެމްއެފްއާއި ވޯލްޑް ބެންކުންވެސް ލަފާދޭ ކަންކަން. އެ ބޭފުޅުން މިކަންކަމަށް މަރުހަބާވެސް ދަންނަވާ. އެހެންކަމުން ޤައުމުގެ އެތެރެއިން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުން ވަރަށް މުހިއްމުކަމެއް. އެހެން ނޫނިއްޔާ ޖެހޭނީ މިހާރު ކުރަމުންދާ ތަރައްޤީގެ މަސައްކަތްތައް ހުއްޓާލަން. އަދި އެގޮތަށް މަސައްކަތްތައް ހުއްޓާލީމަ ދެން ދިމާވާނެ ކަމަކީ އިޤްތިޞާދު މިހާރު ކުރިއަރައިމިދާ މިންވަރު އިތުރަށް ދަށްވެގެންދާނެ. އިޤްތިޞާދީ ކުރިއެރުންތައް ފަހަތަށް ދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް މިވަގުތު އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުންކަމަށެވެ. އަދި ލިބޭ އާމްދަނީއަކުން ރިކަރަންޓް ހަރަދުތައް ހަމަޖެއްސުމަކީ މާލީ ސިޔާސަތުގެ އެއް އަމާޒުކަމަށާއި އޭގެއިތުރުން ހަރަދުތައް ކުޑަކުރަންވެސް ސިޔާސަތުތަކެއް ކަނޑައަޅާފައި އޮންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާފައިވާ ފިސްކަލް ސްޓްރެޓަޖީގެ އަމާޒުތައް ހާސިލުކުރުމަށް ކޮންމެހެންވެސް ޓީޖީއެސްޓީއާއި ޖީއެސްޓީ ބޮޑުކުރަންޖެހޭ. ރާއްޖެ ކަހަލަ ކުދި އަދި ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމުތަކަށް ބަލާލާއިރު ސިޑްސް ފަދަ ޖަޒީރާތަކާއި އަޅާބަލާއިރު ރާއްޖޭގެ ޖީއެސްޓީ ރޭޓްވެސް ރާއްޖޭގެ ޓީޖީއެސްޓީ ރޭޓްވެސް ވަރަށް ބޮޑުތަން ދަށް. ދުނިޔޭގެ ޤައުމުތަކުގައި އެބައުޅޭ 18 ޕަސަންޓުގައި ޓީޖީއެސްޓީ. އައިއެމްއެފްއިން ލަފާދިނީވެސް 12 އިން 18 އިންސައްތައަށް ޓީޖީއެސްޓީ ބޮޑުކުރަން. އެކަމަކު އަޅުގަނޑުމެން ހުށަހެޅީ 12 އިން 16 އަށް" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ސަރުކާރުން ޓެކްސް ނަގައިގެން އާމްދަނީ އިތުރުކުރަނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދޭންކަން ފާހަގަކޮށްފައެވެ. އަދި އަސާސީ ކަންކަން އިތުރަށް ފުރިހަމަކުރަން 5 އަހަރު މަޑުކުރަން ރައްޔިތުން ބޭނުންނުވާކަންވެސް އަމީރު ފާހަގަކުރެއްވިއެވެ.

"2020 ވަނަ އަހަރު 30 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ބަލައިގެން ބަޖެޓް ފާސްކުރިއިރު ދިމާވި ކަންކަމުގެ ސަބަބުން ލިބުނީ 14 ބިލިއަން ރުފިޔާ. 16 ބިލިއަން ރުފިޔާ ނުލިބި އިޤްތިޞާދު ހިންގީ. ހިންގިއިރު އެއްވެސް މީހެއްގެ މުސާރަ ކުޑައެއް ނުކުރޭ. ސަރުކާރު ކުންފުންޏަކުން މީހަކު ވަޒީފާއަކުން ވަތްކެއް ނުކުރޭ. ޕީއެސްއައިޕީގެ މަސައްކަތްތައް އެބަ ހިނގާ. އޭރު އެޅި ފިޔަވަޅުތަކުގެ ސަބަބުން އިޤްތިޞާދީ ހާލަތު ކުރިއަރައިގެން މިދަނީ" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޖީއެސްޓީއަށް ގެންނަ އިސްލާހާއެކު 970 މިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެކަމަށެވެ. ޓީޖީއެސްޓީއަށް ގެންނަ އިސްލާހާއެކު 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެކަމަށްވެސް އަމީރު ވިދާޅުވިއެވެ. އެހެންކަމުން ޓެކްސްއަށް ގެންނަ ބަދަލުތަކާއެކު ދައުލަތަށް މިހާރު ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނޭކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތީ ކޮމިޓީ މަރުހަލާގައެވެ.

މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްކަމަށް ސަރުކާރުން ވަނީ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.